ތައުލީމު

ކާމިޔާބު ހާސިލްކުރަން ބޭނުންވަނީ ހެޔޮ ވިސްނުމާއި އަޒުމެއް: އަމުޖަދު

ކާމިޔާބު ހާސިލްކުރަން އެދޭނަމަ ހެޔޮ ވިސްނުމެއްގައި އަމާޒެއް ކަނޑައެޅުމަށްފަހު އެ އަމާޒަށް ވާސިލްވުމަށް ގަދަ އަޅައި ހިތްވަރާ އެކު މަސައްކަތް ކުރުމަށް ބިލެތްފަހީ ސުކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ދަރިވަރުންނަށް އިލްތިމާސްކޮށްފި އެވެ.

ބިލެތްފަހީ ސުކޫލުގައި ބޭއްވި ފާއިތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމްޖަދު ވިދާޅުވީ ކާމިޔާބު ބިނާވާނީ ބުއްދީގެ ހަމަތަކުން ފިކުރު ހިންގާ ހެވާ ނުބައި ވަކިކުރަން އެނގިގެން ކަމަށެވެ. އަދި އަޒުމާއި ހިތްވަރާއެކު ރޫހާނީ ފަރުވާ ބޭނުންވަނީ މަންޒިލަށް ވާސިލުވެވޭނެ ފޮނި އުންމީދުތަކާއެކު ހިތުގެ ނުތަނަވަސްކަން ފިލައިގެން ދާނެތީ ކަަމުގައި ވިދާޅުވި އެވެ.

"މިކަން ކުރުމަށްޓަކއި ބަރަބާރަށް ނަމާދު ގާއިމުކޮށް ދީނީ ކަންކަމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޔޮ ވިސްނުމުގައި އަމާޒެއް އޮވެ، މަސައްކަތް ކުރާ ކުއްޖަކަށް ކާމިޔާބު ހޯދޭނެ މަގުތައް ހުންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. ދަރިވަރުން ކަންކަމާއި ކުރިމަތިލާއިރު މާޔޫސްވުމުގެ ބަދަލުގައި ކާމިޔާބު ވާނެ ކަމަށް ބަލައިގެން އެކަމެއް ކުރަންވެސް އަމުޖަދު ނަސޭހަތްތެރިވި އެވެ.

"އަބަދުވެސް ދަރިވަރުންގެ ވިސްނުން ބަހައްޓައްންވީ ވާނެ، ކުރާނެ، ކުރެވޭނެ މިކަހަލަ ވިސްނުމެއްގައި. ފައްސި ރައުޔުގެ ކުދިންކަމުގައި ވެއްޖެނަމަ މިފަދަ ރަސްމިއްޔާތު ތަކުން ފެނިގެންދާނީ ކާމިޔާބީގެ ޝަރަފުން މުސްތަގުބަލް އުޖާލާކުރާނެ އެތައް ދަރީންނެއް،" އަމްޖަދު ނަސޭހަތް ދިނެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައި ބިލެތްފަހި ސްކޫލުގައި ފާއިތުވި އަހަރު ކާމިޔާބު ހާސިލްކުރި އެންމެހާ ދަރިވަރުންނާއި އަދި އެ ދަރިވަރުންގެ ބެލެނިވެރިންނަށް މަރުހަބާ ވިދާޅުވެ ޝުކުރު އާދާކުރެއްވި އެވެ.

މިޖަލްސާގައި އަމްޖަދު ވަނީ ބިލެތްފަހީގެ މުއައްސަސާތަކުން ސުކޫލަށް ފޯރުކޮށްދޭ އެހީތެރިކަމަށް ހުރިހާ މުއައްސަސާއަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

ބިލެތްފަހީ ސުކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ އަފީފުއްދީން ސުކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

ވޭތެވެ ދިޔައަހަރު ބިލެތްފަހި ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކީ ގްރޭޑް 10ގެ ދަރިވަރު -- މަރިޔަމް އިލްމާ އެވެ.

ބިލެތްފަހީ ސުކޫލު ވަނީ މި ދިޔައަހަރު އޯލެވަލްގައި ފަސް މާއްދާއިން ސަތޭކަ އިންސައްތަ ކުދިން ފާސްވެފަ އެވެ.