ތައުލީމު

އުނގެނުމަށް ޒިންމާވުމުގެ މުހިންމުކަން

އިހުނަށްވުރެ މާއަވަސް މިނެއްގައި މައުލޫމާތު ދައުރުވަމުންދާ އަދުގެ ދުނިޔެއަށް އަޅުގަނޑުމެންގެ ދަރީން ތައްޔާރު ކުރުމަށް، އުނގެނުމާއި ކިޔަވާދިނުމުގެ ވައްޓަފާޅި ބަދަލުކުރާންޖެހެ އެވެ. ޒަމާނުއްސުރެ ބޭނުންކުރާ ހިތުންދަސްކޮށްދިނުމާއި އަދި މުދައްރިސަށް ބަރޯސާވެފައި އޮންނަ ކިޔަވާދިނުމުގެ ނިޒާމު، ސީދާ ދަރިވަރު ޒިންމާވާ އުނގެނުމުގެ ނިޒާމަކަށް އަނބުރާލަންޖެހެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުން މިއަދު މިވަނީ އިނގިލި ކުރިއާ ހިސާބުގައި ކަމުން، ދަރިވަރުންނަށް އެކުދިންގެ އުމުރާ ގުޅޭ އިލްމީ މައުލޫމާތު އަމިއްލައަށް ހޯދުމުގެ ހުނަރާއި، ރަނގަޅު އަދި ގޯސް މައުލޫމާތު ވަކިކުރުމުގެ ހުނަރާއި، ހޯދާ އެއްކުރެވޭ މައުލޫމާތުގެ އަލީގައި އުނގެނުމުގެ ހުނަރު ދަސްކޮށްދޭން ޖެހެ އެވެ. މިހުނަރުތަކަކީ އެކުދީންގެ މަތީ ތައުލީމުގެ މަރުހަލާގައި އާއި އަދި އާންމު ދިރުއުޅުމުގައި ނުހަނު ބޭނުންތެރިވާނޭ ހުނަރުތަކެކެވެ.

އުނގެނުން އަމިއްލައަށް ބައްޓަންކުރުމަކީ، އެ ކުއްޖެއްގެ އުނގެނުމުގެ ދަތުރަށް އަމިއްލައަށް ޒިންމާ ނެގުމެވެ. އެގޮތުން އެކުއްޖެއްގެ އުނގެނުމުގެ ބޭނުންތައް އަމިއްލައަށް ދެނެގަނެ، އެ ބޭނުންތަކަށް ވާސިލުވުމަށް ލަނޑުދަނޑިތަކާއި ހަރުފަތްތަކެއް ކަނޑައެޅުމާއި، މައުލޫމާތު އެކުލެވޭ ތަކެތި (ފޮތް، އިންޓަނެޓް، އޮންލައިން މަޒުމޫނު އަދި އިލްމީ ލިޔުންތައް) ދެނެގަތުމާއި އަދި އުނގެނުން އަމިއްލައަށް މިންކުރުން ހިމެނެ އެވެ. މިހުނަރުތައް ދަރިވަރުންގެ ކިބައިގައި ފުރިހަމައަށް އަށަގެންނެވުމަށް މަންހަޖުގެ ތެރެއިންނާއި، އިތުރު ހަރަކާތްތަކުންނާއި އަދި ގޭތެރެއިން ބަދަލުތަކެއް ގެންނާންޖެހެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އުނގެނުން އަމިއްލައަށް ބައްޓަންކުރުމުން، ކިޔެވުން މައުނަވީވުމާއި އިލްމަށް ލޯބިޖެހުމާއި އަދި އިތުރަށް އުނގެނުމާ ގަޔަވާ ގޮތްވެ އެވެ. އަދި އިލްމަކީ ހަމައެކަނި މުދައްރިސުގެ ކިބައިން ލިބޭ މައުލޫމާތަށް ނުވެ ޒިންމާދާރުކަމާއެކު ދަރިވަރުން އަމިއްލައަށް ހޯދާ އެއްކުރާ މައުލޫމާތަށްވުމުން، އުނގެނުމުގައި ޝާމިލްވުން އިތުރުވެ އަދި އުނގެނުމަށް ޒިންމާވާން ދަސްވެ އެވެ.

މީގެ އިތުރުން ދަރިވަރުންގެ ކިބައިގައި ފާޑުވެރި ވިސްނުމުގެ ހުނަރު ނުވަތަ ކްރިޓިކަލް ތިންކިން ސްކިލްސް އާލާވެ، މައްސަލަ ހައްލުކުރުމުގެ ގާބިލްކަން އިތުރުވެ އަދި އަދުގެ ދުނިޔެއަށް ލޯހުޅުވިގެންދެ އެވެ. މިދެންނެވުނު ހުނަރުތަކަކީ ކުދިންގެ ދިރިއުޅުމަށް ނުހަނު ބޭނުންތެރި ކަންކަންކަމުން، ޅައުމުރުން ފެށިގެން އަމިއްލައަށް އުނގެނުމުގެ ފުރުސަތު އެކުދީންނަށް ހޯދައިދީ އެކަމަށް ބާރުއަޅަންޖެހެ އެވެ.

ދަރިވަރުން އަމިއްލައަށް އުނގެނުމުގައި މުދައްރިސުންގެ ދައުރު

އަމިއްލައަށް އުނގެނުމަށް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ދަރިވަރުންނަށް އުނގެނުމުގެ ލަނޑުދަނޑިތައް ފަރުމާކުރުމަށް މުދައްރިސުންނަށް އެހީތެރިވެދެވިދާނެ އެވެ. ސާފު ލަނޑުދަނޑިތަކެއް ބައްޓަންކުރެވި އެކަންކަމާ ހިސާބަށް ދާނެ ގޮތުގެ މަގު ކޮށައިދިނުމުން، ކިޔެވުމާއި އުނގެނުމަށް ދަރިވަރުން އިތުރަށް ގަޔާވެ އެވެ.

މިސާލަކަށް މުޅި ޓާމަށް ބަހާލައިގެން ޕޯޓްފޯލިއޯއެއް ތައްޔާރުކުރުމަށް ދަރިވަރާއެކު މަގުޗާޓެއް ފަރުމާކުރެވިދާނެ އެވެ. މިފަދަ ހަރަކާތަކުން ދަރިވަރުގެ މަސައްކަތަކީ އޭނާގެ އަމިއްލަ އެއްޗެއްކަން އިހްސާސްކުރެވޭނެ އެވެ. އަދި އެމަސައްކަތައް ފަހުރުވެރިވެ ޒިންމާ ނެގޭނެ އެވެ. ދަރިވަރުންގެ ގާބިލިއްޔަތު ކަމަކީ އެކުދިން އަމިއްލައަށް ކުރާ މަސައްކަތަކުން ހޯދާ ކަމެއްކަން ގަބޫލުކުރެވުމުން، އާންމު ދިރުއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްވެ އެވެ. އަދި ކަމެއް ހާސިލްނުވުމަކީ ނިމުމެއްކަމުގައި ނުބަލާ އިތުރު ހިތްވަރާއެކު އެކަމެއް ހާސިލްކުރުމަށް މަސައްކަތް ކުރަން ދަސްވެ އެވެ.

ޓެކްނޮލޮޖީއަކީވެސް މިއަދު އަމިއްލައަށް އުނގެނުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މިއަދު ލިބެންހުރި އެކި ޑިޖިޓަލް އުފެއްދުންތަކަކީ އުނގެނުމަށް އެތައް ބޭނުންތެރި މައުލޫމާތުތަކެއް ހުރި ވަސީލަތްތަކެއް ނުވަތަ ތަންތަނެވެ. އެހެންކަމުން ދަރިވަރުންނަށް ބޭނުންކުރެވިދާނެ މިފަދަ އޮންލައިން ވެބްސައިޓުތަކާއި ޕޭޖުތަކުގެ މައުލޫމާތު އެކުދިންނާއި ހިއްސާކުރެވިދާނެ އެވެ. މީގެ ސަބަބުން ދަރިވަރުންގެ އުނގެނުން އިތުރަށް ފުޅާވެ އަދި މުދައްރިސުންނަށް ދަރިވަރުންނާއެކު ކުލާސް-މަޝްވަރާތަކުގައި ގިނަ ވަގުތު ހޭދަކުރެވޭނެ އެވެ. ކުލާސްވަގުތަކީ މުދައްރިސުންގެ އެކަނި ވަގުތަކަށް ނުހަދާ ދަރިވަރުން ކަންކަން ހޯދުމަށް ޝައުގުވެރިކަމާއެކު މަޝްވަރާކޮށް ސުވާލުކުރެވޭ މާހައުލަކަށް ވުމުން، ދަރިވަރުންގެ އުނގެނުމުގެ ދަތުރު ތަރައްގީވެ، ފާޑުވެރި އަދި މައުލޫމާތު މުއްސަނދި ދަރިވަރުންތަކެއް އުފެއްދޭނެ އެވެ.

ދަރިވަރުން އަމިއްލައަށް އުނގެނުމުގައި ބެލެނިވެރިންގެ ދައުރު

ދަރިވަރުންގެ ކިބައިގައި އަމިއްލައަށް އުނގެނުން އަށަގެންނެވުމަށް، މުދައްރިސުންގެ އިތުރުން ބެލެނިވެރީންގެ ދައުރުވެސް ބޮޑެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ، ބެލެނިވެރީންނަކީ ދަރިވަރުންގެ ރޯލް މޮޑެލުންނަށް ވުމެވެ. ބެލެނިވެރީންނަކީވެސް ގޭގައި ފޮތްކިޔުމާއި އެކި މައުލޫމާތު ހޯދާ އުނގެނޭ ބައެއްގެ ގޮތުގައި ފެނުމުން ދަރިވަރުންވެސް އެގޮތް ނަކަލު ކުރެ އެވެ.

މީގެ އިތުރުން ބެލެނިވެރީންނާއެކު ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިވެ އަދި ކުދީންގެ ކިބައިގައި ފޮތް އަދި އެހެނިހެން ލިޔުންތައް ކިޔުމުގެ އާދަ އަށަގަނެ އެވެ. ފޮތްތެރިކަމަކީ އިލްމު ލިބިގަތުމަށް ނުހަނު މުހިންމު ކަމެއް ކަމުގައިވިޔަސް އަދުގެ މުޖުތަމައުގައި މިއާދަ އޮތީ ގާތްގަނޑަކަށް ނެތިގޮސްފަ އެވެ. ނަމަވެސް އިލްމީ ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް އަލުން ފޮތްތެރިކަން އާލާކުރާންޖެހެ އެވެ.

ބެލެނިވެރީންނަކީ (އަމިއްލައަށް) އެކުއްޖަކު ބޭނުންވާ މައުލޫމާތެއް ހޯދައިދިނުމަށް އެހީތެރިވެވޭނެ އެންމެ ގާތް ފަރާތެވެ. އެގޮތުން ދަރިވަރު ޝައުގުވެރިވާ ސްކޫލުގައި ނުކިޔަވާ މާއްދާއަކަށް ވިޔަސް (މިސާލު: ނުޖޫމީ އިލްމު) މާއްދާއަކާ ގުޅޭ ފޮތްތަކާއި އުނގެނުމަށް ބޭނުންކުރާ ތަކެތި ހޯދައިދެވިދާނެ އެވެ. މީގެ ފައިދާއަކީ ހަމައެކަނި ދަރިވަރުގެ އުނގެނުން ކުރިއަރާ ދިއުމެއް ނޫނެވެ. ބެލެނިވެރިޔާއާއި ދަރިވަރާ ދެމެދު އޮންނަ ގުޅުންވެސް އިތުރަށް ބަދަހިވުމަށް މިކަމުން މަގުފަހިކޮށްދެ އެވެ.

މުދައްރިސުގެ އިތުރުން ބެލެނިވެރިޔާއަށްވެސް ދަރިވަރުގެ ތައުލީމީ އަދި ޒާތީ އަމާޒުތައް ފަރުމާކުރުމުގައި އެހީތެރިވެވިދާނެ އެވެ. މިދެންނެވި ފަދައިން އުނގެނުމުގެ ހަރުފަތްތައް ދަރިވަރާއެކު ރާވާލެވުމުން، އުނގެނުމުގެ ޒިންމާ އެކުދިން އަމިއްލައަށް ނަގާ އަދި ޓިއުޝަނަށް ކުރާ ހޭދަ މަދުވެގެންދާނެ އެވެ. މީގެ އިތުރުން އެކުދީންގެ ޒާތީ ލަނޑުދަނޑިތައްވެސް ރާވާލެވުމުން، ދަރިވަރުގެ އުފެދުމުގެ ދަތުރުގައި ބެލެނިވެރީންނަށް ބައިވެރިވެވި އެކި މަރުހަލާތަކުގައި ދަރިވަރުންނަށް އުނގެނުމުގައި ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިވެދެވޭނެ އެވެ.

ދަރިވަރުން ސްކޫލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ، އެކުދީން އެތައް އާ ކަންކަން ދަސްވެ އުނގެނޭ ދުވަހެކެވެ. މީގެ ތެރޭގައި ނަފްސާނީ ގޮތުން އަދި އިލްމީ ގޮތުން ދަސްވާ ކަންކަން ހުރެ އެވެ. ވީމާ ސްކޫލުގެ ދުވަހާ ގުޅޭގޮތުން ގޭގައި ސުވާލުކޮށް މަޝްވަރާކޮށްލުމަކީ ބެލެނިވެރީންނަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މީގެ ފައިދާއަކީ ދަރިވަރުގެ އުނގެނުން އަދި އަހްލާގު ތަރުބިއްޔަތު ވަމުންދާ ގޮތް ބެލެނިވެރިޔާއަށް އަދާހަމަވެ ދަރިވަރުގެ ކިބައިގައި އަށަގަންނަމުންދާ ހުނަރުތައް ދެނެގަނެވެ އެވެ. މި މައުލޫމާތުތަކަކީ، ދަރިވަރުން އަމިއްލައަށް އުނގެނުން ރާވާ ބައްޓަންކުރުމުގެ އާދަ އަށަގެންނެވުމަށް ބޭނުންތެރި މައުލޫމާތުތަކަކަށް ވާނެ އެވެ.

ދަރިވަރުންނަކީ މުޖުތަމައުއަށް ހޭލުންތެރި އަދި ޒިންމާދާރު ކުދިބަޔަކަށްވުމަށް އެންމެންވެސް އެދެ އެވެ. އެކަން ހާސިލްކުރުމަށް، ސްކޫލުތަކުގެ އިތުރުން ބެލެނިވެރީންގެ ޒިންމާވެސް ބޮޑެވެ. ވީމާ ސްކޫލާއި ގޭތެރެއަކީ ދަރިވަރުންގެ އުނގެނުމުގެ ހަޔާތުގައި ވަރަށް މުހިއްމު ދެތަނެވެ. އެހެންކަމުން މިތަންތަނަކީ ދަރިވަރުންގެ އުފެދުމާއި ވިސްނުން ތަރައްގީކުރާ ތަންތަން ކަމުގައި ވާންވާނެ އެވެ. އެހެންނޫންނަމަ އަޅުގަނޑުމެން އެދޭފަދަ ދަރީންތަކެއް އަދި މުޖުތަމައެއް ބިނާކުރުމަކީ ދަތިކަމެކެވެ.