ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރުން ހަރަދުކުރާ ނިޒާމެކެވެ. އެގޮތުން ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވި އަށް ކިޔަވައިދޭ ސަރުކާރު މަދަރުސާތަކުން ބެލެނިވެރިންގެ އަތުން ފީއެއް ނުނަގަ އެވެ. ދަރިވަރުންގެ ފޮތްފަންސޫރާއި، މަދަރުސާތައް ހިންގުމާއި އަދި އިމްތިހާނުތަކުގެ ހަރަދު އިންތިޒާމުކޮށް ހަމަޖައްސަނީ ސަރުކާރުންނެވެ. މިކަންކަމަށް ސަރުކާރުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކުވެސް ހަރަދު ކުރެ އެވެ. ނަމަވެސް ޓީޗަރުންގެ ދުވަހާއި އަދި ސްކޫލުގެ އަހަރީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރަން އަދިވެސް ބެލެނިވެރިން "ނުރަސްމީކޮށް" ބޮޑެތި ހަރަދު ކުރަންޖެހެ އެވެ.
މީގެއިތުރުން މަދަރުސާގެ އެކިކަހަލަ މަރާމާތުތަކަށްވެސް ބެލެނިވެރިން ހަރަދު ކުރެ އެވެ. މިކަންކަމުގެ ސަބަބުން ނޭނގި ނަމަވެސް ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އަދި ތައުލީމީ ނިޒާމުގެ ނަޒާހަތްތެރި ކަމަށް އެކިވަރުގެ ނޭދެވޭ އަސަރު ކުރެ އެވެ.
ރާއްޖޭގެ ތައުލީމާ ބެހޭ ވުޒާރާ އިން މިދެންނެވި ފަދަ ހަރަދުތައް ބެލެނިވެރިންގެ އަތުން ނެގުމަކީ ތަރުހީބުދޭ ކަމެއް ނޫނެވެ. މިކަން ނުކުރުމަށް ގަވާއިދުތައް ހަދައި އަދި އެކިފަހަރު މަތީން އިލްތިމާސްތަކެއް ކޮށްފައިވީ ނަމަވެސް މިކަމަކީ ހުއްޓިފައި ނުވާ ސަގާފީ އާދަ އެކެވެ.
ދާދިފަހުންވެސް ދަރިވަރުން ނިމޭގަޑިއަށް ބަލާދުރުވަން ބެލެނިވެރީންނަށް މަދަރުސާ އިން އެންގީ ކިލާސްރޫމަށެވެ. ބެލެނިވެރީން ދަރިވަރުންގެ ކިލާހަށް ވެންނެވިއިރު ކިލާހުގައި މުދައްރިސާއި، ކިލާސް މަންދޫބާއި އަދި ދަރިވަރުން ތިއްބެވެ. ވާހަކަ ދެއްކެވީ ކިލާސް މަންދޫބެވެ. ބެލެނިވެރިންގެ ޖަމިއްޔާގެ "ފަންޑުރައިސްކުރުމުގެ" ހަރަކާތަކަށް ކޮންމެ ބެލެނިވެރިޔަކު 25 ރުފިޔާއާއި 300 ރުފިޔާއާއި ދެމެދުގެ އަދަދެއް ހޯދައިދިނުމަށް އެދުނެވެ.
ސީދާ ފައިސާ ދިނުމުގެ ބަދަލުގައި ޓިކެޓް ބޮނޑިއެއް ބައްލަވައިގަނެ އެ ވިއްކުމަށް އެދުނެވެ. ޓިކެޓު ވިއްކަން ވަގުތު ނުދެވޭނަމަ ޓިކެޓަށްވާ ފައިސާ ބެލެނިވެރީން ދެއްކުން އެންމެ ރަނގަޅު ކަމަށް ދެންނެވި އެވެ. އެއަށްފަހު މުދައްރިސުގެ އަތުގައި އޮތް ދަރިވަރުންގެ ނަން ލިސްޓެއްގައި ފާހަގަލުމަށްފަހު ދަރިވަރާ އެކީ ދިއުމަށް އެދުނެވެ. ކޮންމެހެން "މަޖުބޫރެއްނޫން" ކަމަށް ކިލާސް މަންދޫބު ވިދާޅުވިޔަސް ދަރިވަރުން ކުރިމަތީގައި "މަޖުބޫރުވެ" ބެލެނިވެރީން ޓިކެޓް ބޮނޑި ހިފައިގެން ދިޔައީ އެވެ. ދަރިފުޅަށް އެހެން ކުދީންގެ ކުރިމަތީގައި ކޮށްފާނެ އަސަރު ހިތަށް އަރާފަ އެވެ.
ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތައް
ކުރީން ދެންނެވި ފަދަ ހަރަދުތައް ބެލެނިވެރިން ކުރަން ޖެހުމުން ދަރިވަރުންނަށް އެކި ކަހަލަ ނޭދެވޭ އަސަރު ކުރެ އެވެ. ބެލެނިވެރީންނަކީ އެކިވަރަށް ފޯރާ މީހުންނެވެ. އެކި ކަހަލަ ދަތި ހާލަތްތަކުގައި އެ މީހުންގެ ދަރީންނަށް އުނގަންނައި ދިނުމަށް މަސައްކަތް ކުރާ ބައެކެވެ. ބައެއް ބެލެނިވެރީންނަކީ މިފަދަ ނުރަނގަޅު ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ބައެއް ފަހަރު ބެލެނިވެރިޔާގެ މާލީ ހާލަތު ހުރިގޮތުން ފަސާ ނުދެވިދާނެ އެވެ. ނޫނީ އެކަމަށް ތަރުހީބު ނުދިނުމުގެ ގޮތުން ފައިސާ ދިނުމަށް ނުރުހިދާނެ އެވެ.
މިފަދަ ހާލަތްތަކުގައި ދަރިވަރަށް އެހެން ކުދީންގެ ފަރާތުން ހަނގާކުރުމާއި، އެކަހެރިކޮށްލުމާއި އަދި ލަދުގަންނަ ގޮތް މެދުވެރިވެ އެވެ. މިފަދަ ގޮތެއް މެދުވެރިވީމައި ނަފްސާނީ ނުކުޅެދުންތެރިކަން ދަރިވަރަށް އިހްސާސްވެ އެވެ. އަދި މުސްތަގްބަލުގައި ކަންކަމަށް އިސްނަގަން ނުކެރި މުޖުތަމައުގައި ފަހަތަށް ޖެހެވޭ ގޮތް ދިމާވެ އެވެ. މިހާލަތަށް "ސޯސަލް ސްޓިގްމައިޒޭޝަން"އޭ ކިޔަ އެވެ.
މީގެ އިތުރުން ބެލެނިވެރިންގެ ތެރޭގައި އުފެދޭ ނަފްސާނީ ކަންބޮޑުވުން (ސްޓްރެސް އަދި އެންޒައިޓީ)ގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް (އިމޯޝަނަލް ވެލްބީން)އަށް އަސަރުކުރެ އެވެ.
"ފަންޑްރައިސިންގ"ގެ ނަމުގައި، އުނގެނުމާއި ނުގުޅޭ އެކި ކަންކަން ރޭވުމުގެ ނަތީޖާއަކީ ދަރިވަރުންނާއި ބެލެނިވެރީންގެ ވަގުތު ބޭކާރު ގޮތުގައި ހޭދަވެ، އުނގެނުމަށް ދޭންވާ ސަމާލުކަން ދަރިވަރުންގެ ކިބައިން ގެއްލި ދިއުމެވެ. މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ރޭވުމަށް ދަތިވެ އަދި އުނގެނުމުގެ ތަޖުރިބާ (ކޮލެޓީ އޮފް ލާނިން އެކްސްޕީރިއަންސް) ދަށްވެ އެވެ.
މަދަރުސާގެ މާލީ ތަނަވަސްކަން އިތުރުކުރެވިދާނެ އެހެނިހެން ގޮތްތައް
1- ތައުލީމާއި އުނގެނުމަށް އެހީތެރިވާ އެކި ޖަމިއްޔާތައް ހުރެ އެވެ. މީގެތެރޭގައި ދޭސީ އަދި ބިދޭސީ އެކި ޖަމިއްޔާތައް ހުރެ އެވެ. އެފަދަ ޖަމިއްޔާތަކުން ފައިސާއާއި އެހެނިހެން އެހީތެރިކަން ހޯދަން މަދަރުސާއަށް މަސައްކަތް ކުރެވިދާނެ އެވެ. މިކަމުގައި އެއްބާރުލުން ހޯދުމަށް މިޖަމިއްޔަތަކާ ގުޅުންހުރި ބެލެނިވެރީންނާއި އެހެނިހެން ފަރުދުންގެ އެހީތެރިކަން ހޯދިދާނެ އެވެ.
2- ތައުލީމާއި އުނގެނުމުގެ ނިޒާމު ކުރިއެރުވުމަށް މުޖުތަމައުގެ ޝާމިލުވުން (ކޮމިއުނިޓީ އެންގޭޖްމަންޓް) އިތުރުކޮށް އެކި ވިޔަފާރިވެރީންގެ އެހީތެރިކަން ހޯދުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެކެވެ. އެގޮތުން ސްޕޮންސަޝިޕާއި އަދި ޑޮނޭޝަންތައް (ފައިސާއާއި ތަކެތީގެ އެހީ) ހޯދަން ބެލެނިވެރީންނާއި އެހީދޭ ފަރާތްތަކާ ގުޅިގެން މަދަރުސާއަށް މަސައްކަތް ކުރެވިދާނެ އެވެ.
3- ސީދާ ފައިސާގެ އެހީތެރިކަމަށް ނޭދި ބެލެނިވެރީންގެ އެހީތެރިކަން ހޯދިދާނެ އެހެނިހެން ގޮތްތައްވެސް ހުރެ އެވެ. މިގޮތުން ވަގުތު ދެވޭ ބެލެނިވެރީން މަދަރުސާގެ އެކިކަންކަމުގައި ހަރަކާތްތެރިވެ ޝާމިލުވާން ފުރުސަތު ހުޅުވާލާ އަދި ކާބޯތަކެއްޗާއި އެކިކަހަލަ ކުދި މައުރަޒުތައް ރޭވިދާނެ އެވެ. މީގެ ސަބަބުން ޝާމިލުވުން (އިންކުލޫސިވިޓީ) އިތުރުވެސް ވާނެ އެވެ.
4- ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރުމަކީ މަދަރުސާތަކުގެ އެންމެ މުހިއްމު މަސްއުލިއްޔަތު ކަމުގައިވީއިރު ދަރިވަރުންގެ އެކިކަހަލަ އުނގެނުމާ ގުޅޭ ހުނަރުތައް ދައްކާލެވޭނެ އިންތިޒާމު ތަކަކީވެސް މަދަރުސާއަށް ކުރެވިދާނެ ކަމެކެވެ. މިގޮތުން ދަރިވަރުންގެ މަސައްކަތްތައް ބަލާލުމަށް ޒިޔާރަތްކުރާ މީހުންނަށް ދަރިވަރުންގެ އުފެއްދުންތައް ގަނެވޭ ގޮތަށް ރޭވިދާނެ އެވެ.
ސަރުކާރުން ތައުލީމީ ނިޒާމު ބައްޓަން ކޮށްފައިވަނީ "އެއްވެސް ކުއްޖަކު ބާކީ ނުކޮށް" ތައުލީމު ފޯރުކޮށްދިނުމުގެ މަގުސަދު ގައެވެ. މީގެ އިތުރުން މާލީގޮތުން ދަތި އާއިލާތަކަށްވެސް އުނގެނުމުން މަހުރޫމް ނުކުރުމުގެ ވިސްނުމުގައެވެ. ވީމާ ބެލެނިވެރީނަށް ބުރައަކަށް ނުވާނޭ ގޮތަށް މަދަރުސާގެ ކަންކަން ރޭވުމަކީ ހުރިހާ އެންމެންގެވެސް ޒިންމާ އެކެވެ.