ޑރ. މުހައްމަދު މުއިއްޒު

ސްޓެމް އެޑިޔުކޭޝަނަށް ހާއްސަ އިސްކަމެއް ދޭންޖެހޭ: ރައީސް

ރައްޔިތުންނާ އެކު ޕޮޑްކާސްޓްގައި ރައީސް ވާހަކަދައްކަވަނީ
0%
0%
0%

ސްޓެމް އެޑިޔުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭތީ އެކަން ސަރުކާރުން ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް މިއަދު ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމި ހާސިލްކުރާ ކުދިންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ސްޓެމް އެޑިޔުކޭޝަންގެ ތެރޭގައި ހިމެނެނީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިން، މެތެމެޓިކްސްގެ ދާއިރާ އެވެ.

މިދާއިރާގެ މާއްދާތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސްޓެމް އެޑިޔުކޭޝަންގައި ހިމެނޭ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާ ހުރެ މަދުވެފައިވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް މުޅިންހެން ބައްދަލުވަނީ އެކައުންޓިން، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށާއި ގައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އެކި ދާއިރާތަކުން ކިޔަވާފައި ތިބި ބައިވަރު ކުދިން އުފައްދަން އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެންގެ އަމާޒަކީ މުސްތަގުބަލްގައި އަޅުގަނޑުމެންގެ މަސައްކަތްތަކުގައި ދިވެހިން ތިބުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައި ތިބި ބޭރު މީހުން ރާއްޖެއަށް ގެންނަން މަޖުބޫރުވާ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ހިންގާ ބައިވަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސާވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތުމުން ބައެއް މަސައްކަތްތައް ކުރަން ދަތިވާކަންވެސް ފާހަގަކުރައްވާފަ އެވެ. އެހެންވެ ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސްޓެމްގެ ދާއިރާ އިން ކިޔެވުމަށް ދަރިވަރުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާ އިން ބޭނުންވާ މީހުން ބިނާކުރަންޖެހޭތީ ސަރުކާރުން އެ މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910