އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާތާގައި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ދަރީންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމަށެވެ. ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލްވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގައި ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި ފެށުނު ދިރާސީ އާ އަހަރު، ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ. ހަމައެއާއެކު ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ހިތާބުގައި ވަނީ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ހިދުމަތްތެރީން ކަމަށް ކަމޭ ހީކުރެއްވުމާއިއެކު، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ދަރީންނަށް ރަނގަޅު ތައުލީމާއިއެކު ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރުމަށްވެސް ބެލެނިވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ ކިޔެވުމަށް ހާއްސަކޮށް އުމުރުގައި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއް ކަމުގައި ވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާ ޕޯސްޓެއް ހިއްސާ ކުރައްވާފަ އެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވެސް ތަހުނިޔާ އަދާކުރެއްވުމަށްފަހު ދަރިވަރުންނަށާއި، ބެލެނިވެރީންނަށް، އަދި މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި އަހަރަކަށް އެދިވަޑައިގެންފައިވެ އެވެ.