ދަރިވަރުންގެ ކިޔެވުމުގެ ގަޑިތައް ނުގެއްލޭ ގޮތަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްފަހު ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ސްކޫލުތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށް ގެންދަން ފަށާފައިވާ ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ..
ރައީސް ވިދާޅުވީ ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭ ގޮތަށް، ކުރިއަށް އޮތް އަހަރުތަކުގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއުއަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފްތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަންކަން ހަމަޖެއްސުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭ ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރު ތަކުގައިވެސް އެކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަހަށް ސްކޫލްތައް ބަންދުކުރުމުން ދަރިވަރުންނާއި ބެލެނިވެރިންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި އެގޮތަށް ގެންދަނީ އަމަލުކުރައްވަމުންނެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން އަންނަ ދުވަސްތަކުގައި ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ވެސް ރައީސް ހިއްސާކުރެއްވި އެވެ.