އޭ ލެވެލް

އޭ ލެވަލްއަށް ކިޔަވާ ދަރިވަރުން އިތުރުކުރަން މަސައްކަތް ކުރަނީ

އޭ ލެވަލް ހަދާ ދަރިވަރުން އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރާ ގުޅުވައިގެން މިނިސްޓަރު ޝަފީއު މިއަދު ދެއްވި ހިތާބެއްގައި ވިދާޅުވީ އޭލެވަލްގައި ކިޔަވާ ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަކީ އެ ކުދިންގެ މުސްތަގުބަލަށްޓަކައި ބޭނުންތެރި ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަމާޒަށް ވާސިލްވުމަށްޓަކައި އޭލެވަލްގައި ކިޔަވާ ދަރިވަރުން މިހާރަށް ވުރެ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭލެވަލްގައި ކުދިން ކިޔަވާއިރު އެ ކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީން ލިބޭ ގޮތަށް ކަންކަން ފަރުމާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"[މިފަދަ] ޕްރޮގްރާމްތަކެއް ކައިރި މުސްތަގުބަލެއްގައި ފެށުމަށް މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ހާސިލްކުރުމަށްޓަކައި ބެލެނިވެރިންގެ ގުޅުން ވަރުގަދަވާންޖެހޭ ކަމަށެވެ. އެންމެންގެ ވިސްނުމާއި ފިކުރު ސީދާ ކުރެވޭ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި އޭލެވަލް އިމްތިހާންގައި ބައިވެރިވެފައިވަނީ 3،268 ދަރިވަރުންނެވެ.