މިނިސްޓްރީ އޮފް އެޑިއުކޭޝަން

23 ސްކޫލެއްގައި އޯ ލެވަލް ހަދާ ހުރިހާ ދަރިވަރުންނަށް އޭ ލެވަލްއަށް ފުރުސަތު ދެނީ

ރާއްޖޭގެ 23 ސްކޫލަކުން އޯލެވެލް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އޭ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އޯ ލެވަލް އިމްތިހާނުތަކުން ދަރިވަރުން ފާސްނުވުން ކަމަށެވެ.

މިމައްސަލަ ހައްލުކުރުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 23 ސްކޫލަކުން އޯ ލެވަލް ނިންމާ ހުރިހާ ދަރިވަރުންނަށް ސްކޫލުތަކުގައި ޖާގަ އޮތް މިންވަރަކުން އޭ ލެވަލް ކިޔެވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޔުނިވާސިޓީ ތައުލީމަށް ވަދެވޭ ފެންވަރަށް 2000 އެއްހާ ދަރިވަރުން ފާސްނުކުރެވޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ފާސްވާ ނިސްބަތް މަތިކުރުން ކަމަށެވެ.

"އަޅުގަނޑުމެން މި އަހަރު ރާއްޖޭގެ 23 ސްކޫލަކުން އޯ ލެވަލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވަލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ދެ މާއްދާއިން ފާސްވާ ކުދިންނަށާއި، ސްކޫލުތަކުގައި ޖާގަ އޮތް މިންވަރަކުން އެންމެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށް ވެސް އޭ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ބޭކާރު ހަރަދެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް ސަރުކާރުން ދެކެނީ މިއީ ކުދިންގެ ކިބައިގައި ހުންނަ ހުނަރު ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ 23 ސްކޫލަކުން އޯލެވެލް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ސްކޫލުތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެ އެވެ.