ޓީޗަރުންގެ ގޮތުގައި ތަމްރީންވުމަށް 130 އަށް ވުރެ ގިނަ ދަރިވަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޓީޗަރުން ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ޔުނިސެފާއި ސްކޫލުތަކާ ގުޅިގެން މިއަހަރުގެ މާޗް މަހުގެ ތެރޭގައި ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމުގައި ދަރިވަރުންގެ ތެރެއިން މުސްތަގުބަލްގައި ޓީޗަރުންނަށް ވާން ބޭނުންވާ ކުދިން ދެނެގަތެވެ. އަދި މިއަދު ވަނީ އޭގެތެރެއިން ހޮވާލެވުނު ކުދިންނާއެކު މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފަ އެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ޓީޗަރުންނަށް ވުމަށް ޝައުގުވެރިވާ ކުދިން ހޯދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި 21 ރަށަކުން 130 އަށް ވުރެ ގިނަ ދަރިވަރުން ޝައުގުވެރިވި ކަމަށެވެ.
ޓީޗަރުންގެ ދަތިތަކަށް މިވަގުތުވެސް ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކަށް މިހާރުވެސް 250 ޓީޗަރުން ބޭނުންވާ ކަމަށެވެ.
"މިޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި މުދައްރިސުން ލިބުން ދަތިވުން. ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުން ވަނީ ދަތިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަތީ ގްރޭޑްތަކުގައި ސައިންސް ސްޓްރީމްގައި ހިމެނޭ މާއްދާތައް ކިޔަވައިދޭ ޓީޗަރުން މަދުވުމާ ގުޅިގެން އެ ސްޓްރީމުގައި ކިޔަވަން ބޭނުންވާ ކުދިންގެ އަދަދުވެސް މަދުވެ އެ ސްޓްރީމުގެ ނަތީޖާތައްވެސް ދަށަށްދާ ކަމަށެވެ. އެކަމަކު މިއަދު އިފްތިތާހު ކުރި ޕްރޮގްރާމާ އެކު ޓީޗަރުން ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު އުއްމީދުކުރައްވަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިވަރުން އަމިއްލަ ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ވިލާ ކޮލެޖާއި ގުޅިގެން ފަރުމާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްގައި 140 އާއި ގާތްކުރާ އަދަދަކަށް މިއަހަރު ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރު 150 ދަރިވަރުން މި ޕްރޮގްރާމްގެ ބޭނުން ހިފާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.