ޑރ. އިސްމާއީލް ޝަފީއު

މަތީ ސާނަވީއަށް ދަރިވަރުން އިތުރުވުމުން އުފެއްދުންތެރި ޖީލެއް ބިނާވާނެ

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން އިތުރުވުމަކީ އުފެއްދުންތެރި އާ ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެެވެ.

ހަތްވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ މިއަހަރު ކުރެވުނު މަސައްކަތުން ސާނަވީއަށް ކިޔަވާ ދަރިވަރުުންގެ އަދަދު 70 ޕަސަންޓް އިތުރުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އިން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ތައުލީމީ ނިޒާމު ހަރުދަނާވެ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރެވިގެންދާނެ ކަމަށެވެ.

"ދިރާސާތަކަށް ހާއްސަ މަހާސިންތާއެއް ބާއްވަމުންދާއިރު ތައުލީމީ ގޮތުން ރާއްޖެ އޮތީ ކިހާ ހިސާބެއްގަތޯ ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް. މިކަން ދެނެގަނެވިއްޖެނަމަ ތަޢުލީމީ ދާއިރާ ކުރިއަރުވާ ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ތައުލީމީ ދައިރާއަަށް ކުރާ ހަރަދުތަކާ އަޅާ ބަލާއިރު އިމްތިހާންތަކުން ފާސްވާ ދަރިވަރުން ނިސްބަތުން މަދު ކަމަށެވެ. އެގޮތުން އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ ނިސްބަތް މީގެ ކުރިން 60 ޕަސެންޓުން 50 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޔުނިވާސިޓީއަށް ދާ ދަރިވަރުންގެ އަދަދުވެސް މީގެކުރިން މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މިއީ ހުރިހާ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއް،" ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއި މަޝްވަރާގެ މަތިން މިއަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެ، ގުރޭޑު 11 އަށް ވަންނަ ދަރިވަރުންގެ އަދަދު މިއަހަރު އިތުރުކުރެވުނު ކަމަށެވެ.

"މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޔުނިވަސިޓީތަކަށް ވަންނަ ދަރިވަރުން އިތުރުވެ، މުޅި އެޑިޔުކޭޝަން ސެކްޓާ ވަރުގަދަވުން" މިނިސްޓަރު ވިދާޅުވި އެވެ.