ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށީ 90،000 އެއްހާ ދަރިވަރުންނާ އެކު އެވެ. މީގެ ތެރެއިން 84،000 ދަރިވަރުން ކިޔަވަނީ ސަރުކާރުގެ 217 ސްކޫލުގައެވެ.
ސްކޫލުތަކުގައި މިއަހަރު 11،000 އެއްހާ ޓީޗަރުން ކިޔަވައިދެމުންދާއިރު ސަރުކާރު ސްކޫލުތަކުގައި 10،000 މުދައްރިސުން ކިޔަވައިދެ އެވެ.
މިއަހަރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން 33 ޕަސަންޓް ކުދިން ކިޔަވަނީ މާލެ ސަރަހައްދުގައި ހުރި 19 ސްކޫލު ގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވެ އެވެ. މުޅި ރާއްޖެއިން 5،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ވަނީ ގްރޭޑް 1 އަށް ވައްދާފަ އެވެ.
އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވި ކުދިންނަށް ބަލާއިރު މިއަަހަރު އެ އަދަދު 1،200 އަށް ވުރެ ގިނަ އެވެ. އަދި އަތޮޅުތެރޭގެ އެއް ސުކޫލުން އަނެއް ސްކޫލަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވެ އެވެ.
ދިރާސީ އަހަރު މިއަދު ފެށިގެން ދިޔައިރު ކޮންމެ 8 ކުއްޖަކަށް ޓީޗަރަކު ހުންނާނެ ކަމަށް އެޑިޔުކޭޝަނުން ބުނެ އެެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ މިއަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަލުން ފަށާނީ ކުރިންވެސް ރާއްޖޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން ދިޔަ ގޮތަށް ޖެނުއަރީ ފަހުކޮޅު އެވެ.