ޑރ. އިސްމާއީލް ޝަފީއު

18 މަޝްރޫއެއްގެ އެއްބަސްވުން ބާތިޮލްކޮށްފިން: ޝަފީއު

ތައުލީމީ ދާއިރާގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވާ 18 ކުންފުންޏެއްގެ އެއްބަސްވުން ބާތިލްކޮށްފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ކުންފުނިތަކަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލްކުރީ މަޝްރޫއުތައް ނިންމަން އެކި ފަހަރު މަތިން ފުރުސަތު ދީގެންވެސް ކުރިއަށް ނުދިއުމުން ކަމަށެވެ.

"[އެއްބަސްވުންތައް] ޓާމިނޭޓްކޮށް [މަޝްރޫއުތައް މިހާރު] ވާނީ އެހެން ކުންފުނިތަކާ ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ތައުލީމީ ދާއިރާގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ދޭންޖެހޭ 280 މިލިއަން ރުފިޔާ ނުދީ އޮތެވެ. ނަމަވެސް އެ ފައިސާ މިދިޔަ އަހަރުގެ ތެރޭގައި އެއްކޮށް ކަހަލަ ގޮތަކަށް ދީ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު އަދިވެސް 20 ކުންފުންޏަކުން މަޝްރޫއުތައް ނިންމަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެ އެވެ. އެހެންވެ އެފަދަ ކުންފުނިތައް އިތުރަށް ދެނެގަނެ އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ސަރުކާރު ސްކޫލުތަކުގައި ހުރި 3،740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.