ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްތައް މިހާރުވެސް ފަށައިގެން ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭ ކަމަށެވެ.
"އެހެންކަމުން މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދޭނީ ރާއްޖޭގެ ބާޒާރަށްވެސް އެކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށެވެ. ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގައި ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތައުލީމު ހާސިލްކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ގަވައިދދުން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން ބޭހާއި ކާޑުގެ ބާވަތްތައް ގަންނަން ޑޮލަރު ހޭދަކުރާނީ ބޭރުގައި ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަމަޖައްސާފައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާތްގަނޑަކަށް 10 ވަރަކަށް ގައުމުގައި ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންދާއިރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފަކު ކޮންމެ ގައުމެއްގައި ތިބޭ ދަރިވަރުންގެ މައްސަލަ ބަލައި ހައްލުކުރުމަށް މިނިސްޓްރީއަށް އިރުޝާދު ދީފައިވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ދަރިވަރުންނާ ގުޅޭ މައްސަލަތަކަށް ހައްލުތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ގައުމުން ބޭރުގައި ލޯނު ސްކީމުގެ ދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.