މެންޓަލް ހެލްތާ ގުޅޭ ތިން ދާއިރާއަކުން ވަރަށް އަވަހަށް ސްކޯލާޝިޕްތަކެއް ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މީހުން ބިނާކުރުމުގެ މާސްޓާ ޕްލޭން، "ނޭޝަނަލް ސްކިލްސް ޑެވެލޮޕްމެންޓް މާސްޓާ ޕްލޭން" އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ބިނާކުރަން ޖެހޭ ވަރަށް މުހިންމު ދާއިރާތަކެއް ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން މެންޓަލް ހެލްތުގެ ދާއިރާ އަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށް ވިދާޅުވި އެވެ. އެ ދާއިރާއިން ކްލިނިކަލް ސައިކޮލޮޖީ، ޕްރޮފެޝަނަލް ކައުސިލިން އަދި އެޑިކްޝަން ސްޓަޑީޒްގެ މާސްޓާ ސްޓަޑީޒް އިން ސްކޮލާޝިޕްތަކަށް ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރި މާސްޓާ ޕްލޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީހުން ބިނާކުރުމަކީ ގައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ރައުސްމާލެއް ކަމަށެވެ. ރައީސް ވިދާޅުވީ މި މާސްޓާ ޕްލޭނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި އަބަދުވެސް މީހުން ބިނާކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ރާއްޖޭގެ ވަޒީފާގެ ދާއިރާއަށް ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގެ އަމާޒާއެކީ މާސްޓާ ޕްލޭނެއް ހެދި މީ ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ. މި ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ހަދާފައިވާ ޕްލޭނެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މި މާސްޓާ ޕްލޭންގެ އެހީގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ގިނައިން ބޭނުންވާ ހުރިހާ ދާއިރާއަކުން މީހުން ތަމްރީނުކުރާނެ އެވެ. މި ޕްލޭންގެ ދަށުން ކުރު މުއްދަތަށް އަދި ދިގު މުއްދަތަށް ވެސް މީހުން ތަމްރީނު ކުރާނެ އެވެ. ރައީސް ވިދާޅުވީ ފަންނީ ވަޒީފާތަކަށް ދިވެހިން ހޯދުމަށް ލިބޭ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށާއި އެފަދަ ދާއިރާތަކަށް ގެންނަ ބިދޭސީންގެ އަދުދު ވެސް ދަށަށް ދާނެ ކަމަށެވެ.
"މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމްކުރާނަން. އަޅުގަނޑުމެން މިއަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން. ވަރަށް ގިނަ ރަށްރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް އެބަ ކުރަން. އިތުރު ސަރަހައްދީ ވައިގެ ބަނދަރުތައް އެބަ ތަރައްގީކުރަން. ހުރިހާ ރަށެއްގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް އެބަ ބަދަލުކުރަން. މިއިން ކޮންމެ މަޝްރޫއެއް ނިމޭއިރު ރަށްރަށުގައި އުފެދިގެން ދާނީ އެތައް ވަޒީފާއެއް. އުފެދޭ ވަޒީފާތަކުގައި ކިޔަވައިގެން ތިބި މީހުން ބޭނުންވާނެ. އެތަންތަން މަރާމާތުކުރުމަށް ހުނަރުވެރި ފަންނީ މީހުން ބޭނުންވާނެ. މި މާސްޓާ ޕްލޭނުން މިދެންނެވި ފަންނީ މީހުން އުފެދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވަޒީފާގެ މައިދާނުގައި ހުންނަ ފަރަގުވެސް މީގެ ސަބަބުން ކުޑަވެގެން ދާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ ރޮނގުން ދެ ޖިންސުގެ ހިއްސާ ބޮޑުވެގެން ދާނެ ކަމަށެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުގެ ގިން މަޝްރޫއުތަކެއް ހުއްޓުނު ނަމަވެސް މީހުން ބިނާކުރުމުގައި ސަރުކާރުން ކުރަމުން އައި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ޑިގްރީ ސްކީމް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށާއި ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް އަދި އެޗީވާސް ސްކޮލަޝިޕް ޕްރޮގްރާމްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ ކަން ފާހަގަކުރެއްވި އެވެ.