ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޕައިލެޓްކަން ކިޔެވުމަށް 479 ދަރިވަރަކަށް ލޯން ދެނީ

ސްޓޫޑެންޓް ލޯން ސްކީމުގެ ތެރެއިން ޕައިލެޓް ކަން ކިޔަވަން ބޭނުންވާ 479 ދަރިވަރަކަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ޕައިލެޓް ކަން ކިޔަވަން ބޭނުންވާ 479 ދަރިވަރަކަށް ލޯން ދިނުމަކީ ރެކޯޑް އަދަދެއްގެ އިތުރުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށްވެސް ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

"ޕައިލެޓްކަން ކިޔެވުމަށް ލޯން ލިބޭ ދަރިވަރުންގެ ތެރޭގައި ލޯނު ނަގާފައިވާ 24 ދަރިވަރަކަށް ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރާ ލޯންވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޫޑަން ލޯން ސްކީމް ލިބޭ ދާއިރާތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރާ ގުޅޭ ހަތް ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން އެމްބީބީއެސް ހެދުމަށް 133 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް 71 ފުރުސަތު ދިނުމަށްވެސް ހިމަނާފައިވެ އެވެ.

ސްޓޫޑެންޓް ލޯނަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ހުޅުވާލީ 720 ދަރިވަރުންނަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރު 1،507 ދަރިވަރުން ކުރިމަތިލާފައިވެ އެވެ. މިކުދިންގެ ތެރެއިން ޝަރުތު ހަމަވި 1،025 ކުދިންނަށް ސްޓޫޑަން ލޯން ސްކީމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯން ސްކީމު ލިބޭ ދަރިވަރުންގެ އަދަދު މިއަހަރު އިތުުރުކުރުމުގައި ގޯސް ނިޔަތެއް ކަމަށެވެ. ލޯން ލިބޭ ކުދިންގެ އަދަދު އިތުރުވި ނަމަވެސް ކޮންމެ ކުއްޖަކަށް ވެސް ލޯން ލިބޭނީ އުސޫލުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާ ގިނަ ކުދިންނަށް މަތީ ތައުލީމަށް މިދޭ ފުރުސަތުގައި ހަގީގީ ނަތީޖާ ފެންނާނީ މިއަދަކު ނޫން. ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯން ލިބޭ ދަރިވަރުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.