ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

1،986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފި

މިހާތަނަށް 1،986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯނު ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަ ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ.

މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށް ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓްރަކްޗާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުރިން ފަސް ޕަސަންޓްގައި ހުރި އިދާރީ ފީ އެއް ޕަސަންޓަށް ކުޑަކޮށްފިން. ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގާ ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފަ. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށާއި މި ޕްރޮގްރާމަކީ ކޮންމެ ބެލެނިވެރިއެއްގެ ރޭ ނިދި ގެއްލި ދިއުމަށް މި ސަރުކާރުން ދިން ތަސައްލީއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތް. މިއަދާ ހަމައަށް 16،315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ. 6،500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ 6،000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރު މަސައްކަތު މާހައުލަށް ތައްޔާރުކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ގާއިމުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގެ ޖޫނިއާ ކޮލެޖްގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި ނ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތީ ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއާ ކޮލެޖްގެ މަސައްކަތް ކަމަށެވެ.