ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޭން ނިންމައިފި

ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ. އިތުރު ތަފްސީލް މާދަމާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާންކުރައްވާނެ.

ރައީސް ސޯލިހް މިރޭ މިކަން އިއުލާންކުރެއްވީ މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނީ މިކަމާ ގުޅޭ ތަފްސީލްތައް މާދަމާ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނަށް މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ހުޅުވާލީ 720 ދަރިވަރުންނަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރު 1،507 ދަރިވަރުން ކުރިމަތިލާފައިވެ އެވެ.

"މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1،025 ކުދިންނަށް އެ ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވަން ފުރުސަތު ލިބޭ މި ލޯނަށް މިދިޔަ ފެބްރުއަރީގައި ހުޅުވާލީ އަލަށް ކިޔަވާ ދަރިވަރުންނަށް 400 ފުރުސަތު އަދި މިހާރުވެސް ކިޔަވާ ދަރިވަރުންނަށް 320 ފުރުސަތު ލިބޭ ގޮތަށެވެ.

ރައީސް ވިދާޅުވީ އަލަށް ސްޓޫޑެންޓް ލޯން ސްކީމް ލިބޭ 1،025 ކުދިންނާ އެކު މިސަރުކާރުގައި 3،211 ކުދިންނަށް ސްޓޫޑެންޓްް ލޯން ސްކީމް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ސްޓޫޑެންޓް ލޯން ސްކީމް މިއަހަރު ހުޅުވާލީ މިވަގުތު އެންމެ ޑިމާންޑް ބޮޑު ތިން ދާއިރާގެ ކޯސްތަކަށް ޖާގަ އިތުރުކޮށްފަ އެވެ. އެގޮތުން ޖާގަ އިތުރު ކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޕައިލެޓް ކޯހާއި އެމްބީބީއެސްއާއި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އެވެ. އެގޮތުން އެންބީސީއެސް ހެދުމަށް 55 ފުރުސަތު، ރާއްޖެއިން ބޭރުން ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު އަދި ޕައިލެޓް ކޯހަށް 60 ފުރުސަތު މިއަހަރު ދީފައިވެ އެވެ.