އެކި ސްކީމްތަކުގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކުން ލިބެން ޖެހޭ 1.9 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޖުމްލަ 186،477،740 ރުފިޔާ ދަރިވަރުންނަށް މަތީ ތައުލީމަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ނުލިބިހުރި (އޯވަޑިއު) ފައިސާގެ ގޮތުގައި އެބަހުއްޓެވެ.
ލޯނުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ
- 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ: 1.9 ބިލިއަން ރުފިޔާ
- 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދައްކާ (އޯވަޑިއު): 186.4 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކި ސްކީމްތަކަށް ދޫކޮށްފައިވާ ލޯނުތަކުން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެ މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ސައްހަކަންވެސް ކަށަވަރުވެފައި ނުވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ މިނިސްޓްރީގެ އިންޓާނަލް ކޮންޓްރޯލްތައް ގާއިމުކޮށްފައި ނެތުމުންނާއި، އެކަށީގެންވާ ގޮތަށް ހިސާބުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން ލޯނު ދޫކޮށްފައިވާ ސްކީމްތަކުގެ އޯވަޑިއުގެ ގޮތުގައި ބަޔާންކޮށްފައިވާ 105.3 މިލިއަން ރުފިޔާއަކީ އެ އަހަރުގެ ނިޔަލަށް އެ ސްކީމުން ލިބެންޖެހޭ ފައިސާގެ ސައްހަ އަދަދުކަން ކަށަވަރު ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާނުކޮށް އެހެން އެކައުންޓުތަކުގައި ފައިސާ ބަހައްޓާފައިވެ އެވެ. އަދި މި އަދަދު ޖުމްލަ 44.1 މިލިއަން ރުފިޔާއަށް އަރަ އެވެ.
މިގޮތުން ނުލިބޭ ފައިސާ ހޯދުމަށްޓަކައި އެ މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ދަށުން ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެ އެވެ.