ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސްޓޫޑެންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިއްޖެ: ރައީސް

ސްޓޫޑެންޓް ލޯނަށް ސަރުކާރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަ ފަހަރު ހުޅުވާލެވުނު ކަމަށެވެ.

އެ ފުރުސަތުތަކުގައި ކުރިމަތިލި 1،986 ދަރިވަރަކަށް ލޯނުގެ އެހީ ދީފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ލޯނުގެ އެހީ ދެވުނު 1،986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިމިފައިވާއިރު ލޯނުގެ އެހީގައި މިހާރުވެސް 831 ދަރިވަރުން ކިޔަވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ލޯނުގެ އެހީ ލިބުނު ބައެއް ދަރިވަރުން ތިބީ ކިޔެވުން ފަށަން ތައްޔާރުވެފައިކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މި އަހަރު ހުޅުވައިލި ލޯނުގެ ފުރުސަތުތަކަށް 1،507 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.