ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ސްކޮލާޝިޕް ހާސިލްކުރި ހުޔާމްއަށް ލިޔުން ހަވާލުކޮށްދެއްވައިފި

Feb 14, 2023

2021 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު، ފާތިމަތު ހުޔާމް ޚަލީލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ފާތިމަތު ހުޔާމަށް ރައީސް ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގަ އެވެ.

މީގެ އިތުރުން ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް އަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ޔުނިވަސިޓީ ތައުލީމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ފާތިމަތު ހުޔާމް ހަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާ ހޯދާ އެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިއަށް ދިއުމަށް ގަސްދު ކުރާ ހުޔާމް، މަތީ ތައުލީމް ހާސިލްކުރުމަށް ނިންމާފައިވަނީ މެލޭޝިއާގެ "އިންފްރާސްޓްރަކްޗާ ޔުނިވަސިޓީ ކުއާލާލަމްޕޫރް"ގައި "ބެޗްލާ އޮފް ސައިންސް އިން އާކިޓެކްޗާ ސްޓަޑީޒް" އެވެ.

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްއަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވި އެވެ.