އައްޑޫ ފްލައިން ސުކޫލްގައި ހުރި މައްސަލަތައް ބަލައި އެތަނުގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިރޭ ވަނީ އައްޑޫ ފްލައިން ސުކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން އެންގެވި ފިޔަވަޅުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ.
އެގޮތުން އައްޑޫ ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވަ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ރައީސް ވަނީ އަންގަވާފަ އެވެ.
ފްލައިން ސުކޫލްގައި ކިޔަވަމުންދާ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯންތަކަށް އިންޓަރެސްޓް އަރަމުންދާ މައްސަލައިގައި ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ހައްލުކުރުމަށްވެސް ރައީސް މިއަދު ވަނީ ފިޔަވަޅު އަޅުއްވާފަ އެވެ. އެކަން ހައްލުކޮށްފައިވަނީ ދަރިވަރުން ނަގާފައިވާ ލޯންތައް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލުކޮށް މިނިސްޓްރީން އެކަން ހަމަޖައްސާ ގޮތަށެވެ. ދަރިވަރުންގެ ފީގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައިވެސް ބޮޑުވުމާ ގުޅިގެން އޭރު ސަރުކާރުން ވަނީ ލޯން ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފަ އެވެ.
މީގެއިތުރުން ފްލައިން ސުކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި އިހުމާލުވެފައިވާ ނަމަ އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫގައި ހިންގާ ފްލައިން ސުކޫލްގެ މައްސަލަ ބޮޑުވުމުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާއި ގުޅޭ ކޮމިޓީން ވެސް ވަނީ އެ މައްސަލަ ބަލާފަ އެވެ. ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ހާޒިރުކޮށް މައްސަލައާއި ގުޅޭގޮތުން ސުވާލުވެސް ކުރައްވާފައިވެ އެވެ. އަދި ކޮމިޓީގެ މެންބަރުން އައްޑޫ އަށް ވަޑައިގެން ފްލައިން ސުކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ތަނުގައި ހުރި މައްސަލަތައް ވަނީ އޮޅުން ފިލުއްވާފަ އެވެ.
ފްލައިން ސުކޫލްގައި ކިޔަވަމުންދާ 170 ދަރިވަރުންނަށް ކިޔަވައިދޭން އެކަށީގެންވާ އަދަދަށް މުދައްރިސުން ނެތުމާއި ޓެކްނިކަލް މައްސަލަތަކެއް ހުރި ދުވަސްވީ ބޯޓު ތަކެއް ހުރުމާއި އަދި ދަރިވަރުންނަށް ބޭނުންވާ ވަރަށް ތަނުގައި ބޯޓު ނެތް މައްސަލަ ވެސް ފާހަގަކުރެވެ އެވެ.