ސްޓޫޑެންޓް ލޯނަށް އަންނަ ހޯމަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ. ސްޓޫޑެންޓް ލޯނަށް ހުޅުވާލާކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު 1،500 ވުރެ ގިނަ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުވެސް ލޯނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަންނަ ހޯމަ ދުވަހު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން. ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 1،500 އަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން . އަދި މިހިނގާ 2022 ވަނަ އަހަރު މި ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލެވޭނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ތަފްސީލްވެސް ރައީސް ދެއްވެވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕްރަގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި ކަމަށެވެ. ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12،730 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދާދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން 2،127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަދި މިގޮތުގާ ކުރިއަށްއޮތް 2023 ގެ ނިޔަލަށް 5،000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ގައުމު ބިނާކުރުމަށް ނުކުންނާނެ. އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2،000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ. މިހާރު މިކުރާ ކަމަކީ މަތީ ތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ހަރަދުގާ ހިލޭ ޑިގްރީއެއް ލިބޭނެ ގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާ ތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރުންނަށް ލޯން ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 1،150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައިސީޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މި މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.