މަތީ ތައިލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 393 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖޭންނާއި ރާއްޖޭން ބޭރުން މީހުން ބިނާކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނަށް މިދިޔަ ފެބްރުއަރީ ހަތްވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި 1،000 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ލޯނު ދޫކުރަން ނިންމާފައިވަނީ 393 ދަރިވަރުންނަށެވެ.
ލޯނު ސްކީމްގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ. ދަރިވަރުންނަށް މާކްސް ދީފައިވާ ގޮތާއި މެދު ހިތްހަމަނުޖެހޭނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
ޝަކުވާތައް ބެލުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ލޯން ސްކީމުގެ ގޮތުގައި 720 ފުރުސަތު ހުޅުވާލި އެވެ. އެކަމަކު އެކި ސަބަބުތަކާހުރެ ކޮލިފައިވި ދަރިވަރުންގެ އަދަދު މަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއް ދާއިރާއަކަށް ވަރަށް ގިނަ ދަރިވަރުން ކުރިމަތިލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވެވި އެވެ. އެގޮތުން އެމްބީބީއެސް އަށް 25 ފުރުސަތު ހުޅުވާލައިފައިވާއިރު އެ ދާއިރާއިން ކިޔެވުމަށް 129 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޕައިލެޓްކަން ކިޔެވުމަށް 252 ދަރިވަރަކު ކުރިމަތިލިއިރު އެދާއިރާއިން ލޯނު ދޫކުރުމަށް ނިންމާފައި ވަނީ 10 ފުރުސަތެވެ. ޕީއެޗްޑީއަށް ކިޔެވުމަށް ލޯނު ދޫކުރަން ފަސް ފުރުސަތު ހުޅުވާލުމުން 31 ދަރިވަރަކު ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ ދާއިރާއަކަށް ވެސް އިސްކަންދޭނަން. ވަކި ދާއިރާއަކަށް ގިނައިން ފުރުސަތު ދީފިނަމަ ދެން ހުރި ދާއިރާތަކަށް ބޭއިންސާފަކަށް ވާނެ. އެހެންވީމާ ބައެއް ދާއިރާތަކުން ޖާގަ ހުޅުވާލައިފައި ހުރި މިންވަރަށް ވުރެ އިތުރަށް ކުރިމަތިލީ ގިނަ ދަރިވަރުންތަކެއް ބާކީ ވެގެން ދިޔައީ،" މިނިސްޓަރު ޑރ. ހަސަން ވިދާޅުވި އެވެ.
މީގެ އިތުރުން ޑިސްކޮލިފައި ވެގެން ވެސް ގިނަ ދަރިވަރުންނަށް ފުސަތު ގެއްލިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރަގަޅަށް ފޯމު ނުފުރުމާއި، ލޯނު ސްކީމްގައި ނެތް ދާއިރާތަކުން ކިޔެވުމަށް ކުރިމަތިލައިގެންނާއި އަދި އޯލެވެލް އާއި އޭލެވެލް ސެޓްފިކެޓް ހުށަނާޅާ ފޯމުތައް ހުރި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަހަރުގެ ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ހޮވުނު ދަރިވަރުން މަދުވުމާ ގުޅިގެން ބަޖެޓުކުރި ވަރަށް ވުރެ މަދުން ހަރަދުވެފައިވާ ކަމަށެވެ. އެގޮތުން 21 މިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަަމާއި، އެ ފައިސާއިން އިތުރު ލޯނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
އިތުރަށް ލޯނު ދޭނީ ކޮންދާއިރާތަކަކުންކަން ބެލުމަށްފަހު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.