ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓޫޑެންޓް ލޯނަށް މިފަހަރު 720 ފުރުސަތު

ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 720 ދަރިވަރުންނަށް ސަރުކާރުގެ ސްޓޫޑަންޓު ލޯން ދިނުމަށް ނިންމައިފި އެވެ.

ސްޓޫޑެންޓް ލޯނުގެ ފުރުސަތުތައް މިއަދު އިއުލާން ކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މި ފުރުސަތުތައް އިއުލާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ނަގާއިރު ލޯނަށް އަރާ ޖުމުލަ އަދަދު ދަރިވަރުންނަށް އިނގޭނެ ކަމަށާއި އެ އަދަދު ފަހުން ބަދަލު ނުވާނެ ކަމަށެވެ.

"ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މި 720 ފުރުސަތު މި ހުޅުވާލެވެނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސަންޓު ޗާޖު ކުރުމާއެކު،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރުވެސް ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ސްޓޫޑެންޓް ލޯނަށް ހުޅުވާލާފައިވަނީ އެމްކިއުއޭއިން ގަބޫލު ކުރާ ލެވެލް ފަހެއްގެ ކޯސްތަކުން ފެށިގެން ލެވެލް 10 ގެ ކޯސްތަކަށެވެ. މީގެ އިތުރުން ލައިސެންސް ކޯސްތަކަށްވެސް ލޯނުގެ އެހީ ލިބޭނެ އެވެ.

ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. ލޯނަށް އެދި ހުށަހަޅާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

މި ލޯނު ފުރުސަތުގެ ދަށުން އަލަށް ކިޔަވާ ދަރިވަރުންނަށް 400 ފުރުސަތު އަދި މިހާރުވެސް ކިޔަވާ ދަރިވަރުންނަށް 320 ފުރުސަތު ލިބޭނެ އެވެ.

މިއަހަރު ހުޅުވާލި 720 ފުރުސަތުގެ ތެރެއިން މިވަގުތު އެންމެ ޑިމާންޑް ބޮޑު ތިން ދާއިރާގެ ކޯސްތަކަށް ވަނީ ޖާގަ އިތުރުކޮށްފަ އެވެ. އެގޮތުން ޖާގަ އިތުރު ކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޕައިލެޓް ކޯހާއި އެމްބީބީއެސްއާއި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އެވެ.