ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީންކުރަން ސްކޮލޮޝިޕް ސްކީމެއް ތައާރަފްކޮށްފި

ސުޕަ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީންކުރަން އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ސްކޮލޮޝިޕް ސްކީމެއް ތައާރަފްކޮށްފި އެވެ.

އެ ސްކީމްގެ ދަށުން 15 ފުރުސަތު ހުޅުވާލައި ސްކޮލޮޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ.

މި ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ނެވެ.

މިއީ ސަރުކާރުގެ އޮފީސްތަކުގެ ތިން އަހަރުދުވަހުގެ "ޓްރެއިނިން ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެކެވެ.

އެ ސްކީމްގެ ދަށުން ޑޮކްޓަރުން ތަމްރީން ކުރަން ނިންމާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި ހަ ރީޖަނަލް ހޮސްޕިޓަލަކުން ނެވެ. އޭގެ ތެރޭގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި މ.މުލީ ރީޖަނަލް ހޮސްޕިޓަލް ހިމެނެ އެވެ.

އެ ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވެއެވެ. އެ ދާއިރާތަކަކީ އެނަސްތީސިއޮލޮޖީ އާއި އިންޓާނަލް މެޑިސިން އާއި އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ އާއި ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ އާއި މެޑިކަލް އޮންކޮލޮޖީ އާއި ޕީޑިއަޓްރިކް ނިއުރޮލޮޖީ އާއި އޮޕްތަލްމޮލޮޖީ އާއި ޑާމަޓޮލޮޖީ އާއި ނިއޯނޭޓޮލޮޖީ އާއި ޕަލްމިނޮލޮޖީ އާއި ނެފްރޮލޮޖީ އާއި އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީ އެވެ. މިއަދު ހުޅުވާލި ސްކޮލަޝިޕް ސްކީމްއާއެކު މި ހޮސްޕިޓަލްތަކުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރާނެ އެވެ.

މި ސްކޮލާޝިޕް ސްކީމް ތައާރަފްކުރައްވައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ މީހުން ބިނާކުރުން ކަމަށާއި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށެވެ. އަދި މި ސްކޮލާޝިޕްތައް އުފެއްދެވި މައިގަނޑު ވިސްނުންފުޅަކީ މިއީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓު ޓްރެއިން ކުރައްވަން ނިންމެވީ އެ ޑޮކްޓަރުންގެ ހިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ.