މަތީ ތައިލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 720 ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ ލޯނު ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައި ވަނީ 417 ފުރުސަތު ކަމަށެވެ. އަދި މި ވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް 303 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އަހަރުގެ ސްޓޫޑެންޓް ލޯނުނަށް ހުޅުވާލާފައިވާއިރު އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓައް ކުޑަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއުރު ރާއްޖޭގައި މާސްޓާސް ކިޔަވާ ދަރިވަރުނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި މާސްޓާ ފުރިހަމަކުރަމުންދާތީ ކަމަށާއި ކޮވިޑްގައި ރާއްޖެއިން ބޭރަށް ދިއުމަށް އުނދަގުވެފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގިނަ ކޮލެޖްތަކުން މިހާރު މާސްޓާ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާތީ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ މި ފުރުސަތުގެ ސަބަބުން ވަރަށް ގިނަ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން މާސްޓާ ކިޔެވުމުގެ ފުރުސަތު ފަހިވެ، އޭނގެ ބޭނުން ހިފާނެ ކަމަށް. އަދި މީގެ ހެޔޮ ފައިދާ ރާއްޖޭގެ ކޮލެޖްތަކަށް ލިބިގެންދާނެ ކަމަށް." މިނިސްޓަރު ހަސަން ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އަހަރު ރާއްޖޭގައި އެމްބީބީއެސް ހަދާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި 40 ސްލޮޓް ރިޒާވް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
"މިއަހަރުގެ ސްޓޫޑެންޓް ލޯނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ކުރީ އަހަރެކޭ އެއްފަދައިން ހަމަޖެހިފައިވާނެ. އެ ފަރާތްތަކުން ލޯނަށް ހުށައަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އެނގޭ ލިޔެކިއުން ހުށަހަޅަން ޖެހޭނެ." މިނިސްޓަރު ހަސަން ވިދާޅުވި އެވެ.
ސްޓޫޑަންޓް ލޯނަށް ކުރިމަތިިލުމުގެ މުއްދަތު ހަމަވާނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިން ކޮށެެވެ.