މަތީ ތައުލީމް ހާސިލްކުރަން ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 1000 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ. މި ފުރުސަތު މިއަދު ހަމަވިއިރު 1000 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މި ލޯން ސްކީމްގެ ދަށުން 720 ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ 417 ދަރިވަރަކަށް އަދި މިހާރު ކިޔަވަމުންދާ 303 ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވެ އެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ. މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ރާއްޖޭގައި މާސްޓާސް ކިޔަވާ ދަރިވަރުނަށް ލޯނަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލި އެވެ.
މިދިޔަ އަހަރު 1500 ދަރިވަރަކަށް ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯން ދޫކޮށްފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ކުރިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްވެސް ކޮށްދީފަ އެވެ.