ބުރުނާއީ އަށް ކިޔަވަންދާން ބޭނުންވާ ދަރިވަރަކަށް ސްކޮލާޝިޕްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިނިސްޓްރީން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލާސް، މާސްޓާސް ޑިގްރީ ކިޔަވަން ބޭނުންވާ ދަރިވަރަކަށެވެ. ބެޗްލާސް ޑިގްރީއަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ދަރިވަރަކަށެވެ. އަދި މާސްޓާޒް ޑިގްރީއަށް ހުށަހެޅޭނީ 35 އަހަރުން ދަށުގެ ދަރިވަރަކަށެވެ.
ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިކޮށް އެހީ ލިބިފައިވާނަމަ ގައުމަށް ހިދުމަތްކޮށްފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި ހަޔާ އެޑިއުކޭޝަނުން ލޯނެއް ނަގާފައިވާނަމަ ލޯނު އަބުރާ ދައްކާފައިވުން ހިމެނެ އެވެ.
މީގެ އިތުރުން ދަރިވަރު އެދޭ ކޯހަކީ އެ ދަރިވަރަކު ފުރިހަމަކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމާއި އެދޭ ކޯހާއި އެއް ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް ނުވުން ވެސް ހިމެނެ އެވެ.
މި ސްކޮލާޝިޕްގެ ދަށުން ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ބުރުނާއި ސަރުކާރުގެ ފަރާތުންނެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އަންނަ މަހު 10 ވަނަ ދުވަހުގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލަށް ހުރިހާ ލިޔެކިޔުންތަކާއި އެކުގައި ހުށަހަން ޖެހެ އެވެ.