ދިރާސީ އާއަހަރަށް ފޮތްތައް ދޫކުރުމުގެ މަސައްކަތް އަންނަ މަހު 15ގެ ކުރިން ނިމޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދް އަލީ ވިދާޅުވީ މިހާރު ހުރިހާ ޓެކްސްޓް ފޮތްތަކެއް ޕްރިންޓްކޮށް ނިމި މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ސްކޫލުތަކަށް އެ ފޮތްތައް ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު ޓާގެޓް ކޮށްފައި އޮތީ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކާ ހިސާބަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވައި ދިނުމަށް،" އަހްމަދް އަލީ ވިދާޅުވި އެވެ.
ޓެކްސްޓް ފޮތްތައް ދިނުމުގައި އެޑިއުކޭޝަނުން ނިންމާފައިވާ އުސޫލުތައް:
- ކީސްޓޭޖް އެކެކާއި ދޭކަށް 100 ޕަސެންޓް އާ ޓެކްސްޓް ފޮތްތައް ދިނުން.
- ކީސްޓޭޖް އެކެއްގެ ކްރިއޭޓިވް އާޓްސް މާއްދާގެ ފޮތް ކޮންމެ ފަސް ދަރިވަރުންގެ ނިސްބަތުން ސްކޫލްތަކުގައި ބޭނުންކުރުމަށް ދިނުން.
- ކީސްޓޭޖް ތިނެކާއި ހަތަރަކަށް 100 ޕަސެންޓް އާ ވޯކް ފޮތްތައް ދިނުން.
- ކީސްޓޭޖް ތިނެކާއި ހަތަރަކަށް 60 ޕަސެންޓް އާ ޓެކްސްޓް ފޮތްތައް ދިނުން އަދި 40 ޕަސެންޓް ކުރީގެ ފޮތްތައް ދިނުން.
- މެރީން ސައިންސް، ކޮމްޕިއުޓާ ސައިންސް އަދި ޓްރެވަލް އެންޑް ޓޫރިޒަމްގެ 100 ޕަސެންޓް އާ ޓެކްސްޓް ފޮތްތައް ދިނުން.
އަހްމަދް އަލީ ވިދާޅުވީ ގްރޭޑް ނުވައެއް، ދިހައެއްގެ ދަރިވަރުންނަށް ދިވެހި މާއްދާތައް ފިޔަވާ ދެން ހުރި މާއްދާތަކުގެ ޑިޖިޓަލް ޓެކްސްޓް ފޮތަތައް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
މިއަދު ހަވާލު ކުރި ރިޕޯޓް ފޯމުތަކާ އެކު ހުރިހާ ދަރިވަރުންނަށްވެސް ވާނީ ފޮތް ލިސްޓާއި ވައުޗަރު ހަވާލުކުރެވިފައި ކަމަށާއި މިހާރު ސްކޫލުތަކުން ދަނީ ދަރިވަރުންނަށް ފޮތްތައް ދޫކުރުމަށް ތާވަލުކުރަމުން ކަމުގައިވެސް ވިދާޅުވި އެވެ.
އަހްމަދު އަލީ އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭން ސްކޫލުތަކަށް ދާނީ ސިލަބަސް އެނގޭ އަދި މިނިސްޓްރީން އިންޓަވިއުކޮށް އެމީހުންގެ ސީވީ ބަލައި ޗެކްކޮށްފައިވާ ޓީޗަރުން ކަމަށެވެ.