ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަތީޖާ ދަށް ސްކޫލުތަކަށް ހާއްސަ އެހީތެރިކަމެއް އެބަދެން: ރައީސް

May 18, 2023

ސްކޫލްތަކުގެ ނަތީޖާތަކަށް ބަލައި ކިޔެވުން އިތުރަށް ހަރުދަނާކުރަންޖެހޭ ސްކޫލުތައް ދެނެގަނެފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ސުކޫލުތަކަށް ހާއްސަ ޕްރޮގްރާމުތަކެއް ހިންގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރާ ކަމަށެވެ. އަދި ދަރިވަރުން ހޯދަމުންދާ ނަތީޖާތަކާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް މިއަދު ފަހިވެފައި މިވާ ފުރުސަތުތަކުގެ ބޭނުން ހުރިހާ ދަރިވަރުންވެސް ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން އެޑިޔުކޭޝަން މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސާނަވީ އަދި މަތީ ތައުލީމަށް ކުރިމަތިލާ ދަރިވަރުން، އެދަރިވަރުންގެ ގާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، ގައުމީ ހިދުމަތަށް ނުކުތުމަކީ ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށެވެ. އެގޮތުން ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މިވެރިކަމުގައި ފަހިކޮށްދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

"ގައުމު ތަރައްގީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ ޒަމާނީ ތައުލީމާއި ތަރުބަވީ އަހްލާގުގެ މާހައުލަކަށް ސްކޫލްތައް ހަދައިގެން. ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއާ ވަސީލަތްތަކާއި އަދި އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިހާން ފުރިހަމަކުރި 6،360 ދަރިވަރުންގެ ތެރެއިން 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެ އެވެ. މީގެ ތެރޭގައި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ހާސިލުކުރި ހަ ދަރިވަރަކުވެސް ހިމެނެ އެވެ.