ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެކު ހުށަހެޅުނު މައްސަލަތައް ބަލައި އެ މައްސަލަތައް ހައްލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު އަވަސްއަށް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ރައީސް ސޯލިހަށް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާ އިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
"މިމައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މިމައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ވަނީ މުހިއްމު ނިންމެވުންތަކެއް ނިންމަވާފައި،" އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ރައީސް ސޯލިހް ނިންމެވުންތަކެއް ނިންމެވީ ޑޮކްޓަރުން، ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރައީސްއަށް ގަބޫލުކުރެއްވޭތީ ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތްކުރެއްވުމަށްފަހު ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާކުރައްވައި ހިޔާލާއި އިރުޝާދުވެސް ހޯއްދަވައިގެން ކަމަށެވެ.
އެގޮތުން މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މެޑިކަލް އޮފިސަރުންނަށް އެލަވަންސް ލިބޭ ގޮތަށް ހަަމަޖެއްސުމަށް ރައީސް މިހާރު ވަނީ ނިންމަވާފަ އެވެ.
މުސާރައިގެ އާ އޮނިގަނޑާ ގުޅިގެން އައިޖީއެމްއެޗްގެ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަނެއް ދިރާސާކުރެއްވުމަށްފަހު ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ސިއްހީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތް ނަން ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
މީގެ ފަސް އަހަރު ކުރިން -- 2018ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2016 އަށް އިތުރުކުރުމަށާއި އާ އޮނިގަނޑަށް ހިޖުރުކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެނައުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތުކުރުމަށްފަހު ކުރިން ތިބި މަގާމަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު އަމަލުކުރަން ފަށާއިވާ ދައުލަތުގެ ވަޒީފާ އިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާ ގުޅޭ ގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ކަންބޮޑުވުމަށްވެސް މިހާރު ވަނީ ހައްލު ހޯއްދަވައިދެއްވާފަ އެވެ. އެގޮތުން މިހާރު ވަނީ އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތްވަނަ މާއްދާގެ (ހ)ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާންކުރާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024ގެ ޖެނުއަރީގެ ނިޔަލަށް އިތުރުކުރުމަށްވެސް ނިންމަވާފަ އެވެ.
"އެހެންކަމުން ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މިބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުން މިއަދު ވަނީ އަންގާފައި. މިނިންމެވުންތަކާ އެކު ނަރުހުންނާއި ޑޮކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ،" މިއުވާން ވިދާޅުވި އެވެ.