އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ އެ ހާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، މާލީ ވަޒީރު، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލް ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ހަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސް ދުވަހު ހަރަދުވާނެ ކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލް ކޮންމެ ދެ މަހަކުން މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ލާޒިމުކޮށްފައިވެ އެވެ.
އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި އެންމެހައި ޚަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވެސް ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ތަފްސީލްތަކާއި ރިޕޯޓު، އާންމުންނަށް ފަސޭހައިން ލިބޭނެގޮތަށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށް ވެސް ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ސޯލިހް ތަސްދީގުކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން މިގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.