ކޮވިޑް-19ގެ ބަލި މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިހާރު ހަދަމުންދާ މެޑިކަލް ފެސިލިޓީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.
މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ބޭނުންކުރަމުން އައި އިމާރާތެކެވެ. ނަމަވެސް ތިން ބުރީގެ މި އިމާރާތަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.
އިމާރާތުގެ އެންމެ ތިރީ ބައިގެ 36 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ފުރަތަމަ ބުރީގެ 20 އިންސައްތަ މަސައްކަތް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ ބުރީގެ 45 އިންސައްތަ މަސައްކަތް ނިންމާފައިވާއިރު ތިންވަނަ ބުރީގެ 17 އިންސައްތަ މަސައްކަތް ވަނީ ނިންމާފަ އެވެ.
ހުޅުމާލޭގައި އިތުރު ކޮވިޑް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި އެޗްޑީސީން ފެށީ މިދިޔަ މަހުގެ ތެރޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހް މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން އެ ތަނުގެ މަސައްކަތް ތަކުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރެއްވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.
މީގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް އަލަށް ހަދަމުންދާ ފެސިލިޓީ އަށް ޒިޔާރާތްކުރައްވާ ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކުރެއްވި އެވެ.
އެޗްޑީސީން ބުނީ އަލަށް ހަދަމުންދާ ފެސިލިޓީގެ މަސައްކަތް ވަރަށް އަވަހަށް ނިންމާ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިތުރު ކޮވިޑް ފެސިލިޓީއެއް ހަދަމުންދާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށާފަ އެވެ. އަދި މިދިޔަ މަހާއި އަޅާބަލާއިރު ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.