ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވާން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ސޯލިހް މި އިލްތިމާސް ކުރެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބާގައި ފޮނުއްވެވި ހިތޯބެއްގަ އެވެ.
ރައީސްގެ އެ ހިތޯބުގައި ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ހާލަތަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ އިސްރާފުތައް ހުއްޓާލައި ދުރުހެލިވާން އެންމެ މުނާސަބު ވަގުތުކަން ފާހަގަ ކުރައްވާފައި ވެއެވެ.
ދުންފަތުގެ ނުރައްކާތެރި ކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކާއި ރައްޔިތުންގެ މަސައްކަތް ބަލައިގަން ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ކޮވިޑް-19 އަކީވެސް ފުއްޕާމެއާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކޮވިޑް-19 އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ނުރައްކާތެރިކަން ބޮޑު ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ 62 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ މީހުންނަކީ އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމަށާއި ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާތީ އޭގެ ތެރެއިން ވަރަށް މަތީ ޕަސެންޓެއް ފެތެނީ އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާ އަށް ކަމަށް ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.