ރައީސް އޮފީސް

ގެއްލުމުގެ ބަދަލުދޭ ގޮތް ސަރުކާރުން އޭސީސީއަށް ބުނެދީފި

Sep 13, 2021
2

ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފެއްދުމުން ސަރުކާރުން އެކަމަށް ރައްދުދީ ބަދަލު ދިނުމުގައި އަމަލުކުރާ ގޮތް އޮޅުންފިލުވައިދީފި އެވެ.

ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދޭ ގޮތުގެ ނިޒާމުގެ ނަޒާހާތްތެރިކަމާ މެދު އޭސީސީން ސުވާލު އުފެއްދީ ބަދަލު ދިނުމުގެ ކަންކަން ދައުލަތުން ކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށްފަހު ކޮމިޝަނުން ނެރުނު ހުދުކަރުދާސް ރިޕޯޓްގަ އެވެ. އެއީ ދައުލަތާ ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ބަލައި ދިރާސާކުުރުމަށްފަހު އޭސީސީން ނެރޭ ސިލްސިލާ ރިޕޯޓެކެވެ.

އޭސީސީން މިމަހުގެ ދެވަނަ ދުވަހު ނެރުނު ރިޕޯޓު ހާއްސަކޮށްފައިވަނީ "ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން" މިމައުޟޫއުގެ މައްޗަށެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށްގެން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބުނެދީފަ އެވެ.

އެގޮތުން ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ޖަނަވަރީ 27، 2019 ގައި ކޮމިޓީއެއް އުފެއްދެވި ކަން ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނިމިކް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ ހުށަހެޅޭ މައްސަލައަކާ ގުޅޭ މިނިސްޓްރީ އެކެވެ.

އޭސީސީގެ ރިޕޯޓްގައި ރައީސް އުފެއްދެވި ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން އެކުލަވާލާފައި ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަށް ރައްދުދީ ބަޔާނުގައި ބުނެފައިވަނީ ކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްފައިވަނީ "ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލު" ގައި ކަމަށެވެ. އެ އުސޫލު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކޮށްފަ އެވެ.

ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ވެސް ބަޔާނުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ ފެބްރުއަރީ 19، 2020 ގައެވެ. އެ ތާރީޚަށްފަހު އެ ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާތީ ސެޕްޓެންބަރު 15، 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޓީ އުވާލައްވާފަ އެވެ. އޭގެފަހުން ކޮމިޓީން ބަލަމުން ދިޔަ މައްސަލަތަކުގައި ކަންކުރެއްވި ގޮތެއް ބަޔާނުގައި ބުނެދީފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ބަޔާނުގައިވާ ގޮތުން ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާ ހަމައެކަނި މައްސަލަ އަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލަ އެކެވެ.

ފުރަތަމަ މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ނޫމަޑިއާއި ހައުސިން މިނިސްޓްރީއާ ދެމެދު ޖަނަވަރީ 20، 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލަ އެކެވެ. ދެވަނަ މައްސަލަ އަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީއާ ދެމެދު މެއި 30، 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލަ އެކެވެ.

މި މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނޫމަޑިން ހޯދުމަށް އެދިފައިވަނީ ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ހަރަދުތަކެވެ.

ނޫމަޑި މައްސަލާގައި ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބެން އޮއްވާ އެ ގެއްލުން ކުޑަކުރުމަށް މިސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ވެސް ބަޔާނުގައި ބުނެދީފައިވެ އެވެ. އެގޮތުން ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ފިޔަވަޅުތައް އަޅާފައިވަނީ ރާއްޖެއިން ބޭރުގެ ގާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައިގެން ކަމަށް ބުނެފައިވެ އެވެ. އެގޮތަށް އަމަލުކުރަން ޖެހުނީ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވާތީއާއި މިމައްސަލައާ ގުޅޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެތީ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ނޫމަޑި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުން ދައުލަތުން ދޭން ޖެހުނު ބަދަލު ކުޑަކުރެވުނު ކަން ވެސް ބަޔާނުގައިވެ އެވެ.

"މި މައްސަލާގައި [ނޫމަޑި މައްސަލާގައި] އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތުމުން، ދެބަސްވުންތައް ހައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުހަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވެއެވެ." ގެއްލުމުގެ ބަދަލު ކުޑަކުރުމަށް ކުރި މަސައްކަތް ބުނެދީފައިވެ އެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ވަޒީފާ ތަކުން ވަކިކޮށްފައިވާ ކަމަށް ބުނާ 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށް ދައުލަތަށް ލިބުނު ގެއްލުން ކުޑަކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެފަދަ މައްސަލަތަކުގައި އަމަލުކޮށްފައިވަނީ ޝަރީއަތުގެ އާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ އެފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވެސް ބުނެފައިވެ އެވެ. ގާނޫނާ ހިލާފަށް އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ލިޔެކިޔުމުން އެނގެން އޮތް ނަމަ އެފަދަ މައްސަލައެއް ޝަރީއަތުގެ ތިން މަރުހަލާއިން ނިންމުމުގެ ބަދަލުގައި ގާނޫނުއަސާސީގައި 'މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް' ބުނެފައިވާ އުސޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަޒީފާގެ މައްސަލަތައް ހައްލުކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަޒީފާގެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރަން ފެށުމުން ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ވަނީ ހުށަހަޅަން ފަށާފަ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް ކަންކަމަށް ރިއާޔަތްކުރުމަށްފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެގޮތަށް ބަދަލުގެ މިންވަރު ކަނޑައަޅާފައިވާނީ ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލައި މިންގަނޑުތަކާއި އަދި އެއް އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުގެ އެ މިންގަނޑަކީ ރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމަށް ޖުލައި 25، 2019 ގައި ހައިކޯޓުން ވެސް ހުކުމްކޮށްފައިވެ އެވެ.

"ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދައުވާއެއް ނުކުރުމަށް އިގުރާރުވެ އަދި/ ނުވަތަ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ނިންމާފައިވާނެ އެވެ. މިފަދައިން މައްސަލަ ހައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީއަތުގެ މަރުހަލާއިންކަންވެސް ފާހަގަކުރަމެވެ،" ވަޒީފާގެ މައްސަލަތައް މިހާރު ކޯޓަށް ހުށަހަޅާ ސަބަބު ބަޔާނުގައި ބުނެދީފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރުމުން ދައުލަތުން ހުށަހަޅައި، ބަދަލުގެ ގޮތުގައި ދިނުމުގައި އެއްބަސްވެފައިވާ އަދަދުތަކަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއް ކަމަށެވެ. އަދި ކޯޓަކުން ކުރާ ހުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތަކެއް ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.