ކެބިނެޓް

މާޗް މަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

އެއާ-އެމްބިއުލެންސްގެ ހިދުމަތް އަންނަ އަހަރުގެ މާޗް އެއްވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ސަރުކާރުން ނިންމާފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަން އާއި ގުޅިގެން މިހިދުމަތް ދިނުމަށެވެ. ހިދުމަތް ފެށުމުގެ މަރުހަލާގައި ދެ ބޯޓެއް ބޭނުންކުރަން ވަނީ ނިންމާފަ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކަމާ ގުޅޭ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ މަރުހަލާގައި ސަރުކާރުން ނިންމާފައިވަނީ ސީޕްލޭން ބޭނުންކޮށްގެން ހިދުމަތް ދިނުމަށެވެ.

"ސީ ޕްލޭންގެ އެއާޕްލޭނެއް ޕައިލެޓް ޕްރޮޖެކްޓުގެ ގޮތުގައި އެކަތި ފުރޮޅުލާ ފުލީ އިކުއިޕްޑް އެއާ އެމްބިއުލޭންސަކަށް ބަދަލުކޮށް އުދުއްސަން ފަށާނަން،" ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

އެއާ އެމްބިއުލާންސްގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ސީ އެމްބިއުލާންސް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުން މާލެއަށް ގެންނަ ބަލި މީހުން މިހާރު ވައިގެ މަގުން އުފުލަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި، މޯލްޑިވިއަންގެ އެއާކްރާފްޓް ބޯޓުތަކުގައެވެ.