ކެބިނެޓް

ރުހުން ނުދިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

ތިން ބޭފުޅުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވަޒީރު ކަމަށް އަލުން އައްޔަންކުރެއްވުމާ ގުޅިގެން މި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް މިއަދުން ފެށިގެން ގިނަވެގެން ހަތް ދުވަސް ތެރޭގައި އަނެއްކާވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ވަޒީރުންނަށް ރުހުން ދިން އިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދީފަ އެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ޑރ. ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ތާއީދުކޮށް 30 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ޑރ. އަލީ ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ބަންޑާރަނައިބް އަހްމަދު އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.