ރައްޔިތުންގެ މަޖިލިސް

ޝަހީމް، ހައިދަރު، އުޝާމް ފިޔަވާ އެހެން ވަޒީރުންނަށް ރުހުންދީފި

ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ރިޔާސަތުން ވޯޓަށް އަހާފައިވަނީ ކޮންމެ ވަޒީރަކަށް ވަކިންނެވެ.

ރުހުން ދޭން ނިންމި ވަޒީރުން

  • މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން - ފެންނަ 71 | ނުފެންނަ 0
  • މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު - ފެންނަ 70 | ނުފެންނަ 0
  • މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން - ފެންނަ 68 | ނުފެންނަ 1
  • މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު - ފެންނަ 70 | ނުފެންނަ 0
  • މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއީލް ޝަފީއު - ފެންނަ 55 | ނުފެންނަ 9
  • މިނިސްޓާ އޮފް ހެލްތް ޑރ. އަބްދުﷲ ހަލީލް - ފެންނަ 69 | ނުފެންނަ 0
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު - ފެންނަ 37 | ނުފެންނަ 32
  • މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް - ފެންނަ 69 | ނުފެންނަ 0
  • މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލް - ފެންނަ 57 | ނުފެންނަ 2
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް - ފެންނަ 69 | ނުފެންނަ 0
  • މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު - - ފެންނަ 70| ނުފެންނަ 0
  • މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް - ފެންނަ 69| ނުފެންނަ 0
  • މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން - ފެންނަ 67 | ނުފެންނަ 1
  • މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް - ފެންނަ 63| ނުފެންނަ 0
  • މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ - ފެންނަ 66| ނުފެންނަ 1
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް - ފެންނަ 70 | ނުފެންނަ 0
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އާއިޝަތު ރަމީލާ - ފެންނަ 70 | ނުފެންނަ 0
  • މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު - ފެންނަ 68| ނުފެންނަ 0
  • މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު - ފެންނަ 70| ނުފެންނަ 0

ރުހުން ނުދޭން ނިންމި ވަޒީރުން

  • އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް - ފެންނަ 24 | ނުފެންނަ 44
  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފެންނަ 30 | ނުފެންނަ 31
  • މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އަބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު - ފެންނަ 24| ނުފެންނަ 46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދިނީ ހަމައެކަނި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުވެސް އެޖެންޑާ ކުރި އެވެ. ނަމަވެސް ރުހުން ދިނުމުގެ މައްސަލަ އެ ދުވަހު ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް އެ ދުވަހު ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދެ ފަހަރަށް ދިރާސާކުރުމަށްފަހުވެސް ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނެފައިވެ އެވެ.