ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައި ރުހުން ހޯދުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދަވާނީ ރުހުން ނުދިން ވަޒީރުންގެ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރުގެ މައްސަލަ ނިމުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަންކުރުމާ ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފަ އެވެ.
އެ ގަރާރުގެ ބަހުސް ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ގޮތެއް ގަރާރު ފާސްވުމުން އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މި ދެންނެވި ގަރާރުގެ މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅުއްވަންދެން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ތާވަލުކުރުން ފަސްކުރުމަށްކަމުގައި ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުން ރުހުން ނުދިން ވަޒީރުން މީގެ ކުރިންވެސް އަލުން މަގާމުތަކަށް އައްޔަންކޮށް މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވެވިކަން އަސްލަމް ފާހަގަކުރެއްވި އެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމަށް ޑރ. އަހުމަދު އަލީ ސަވާދު އައްޔަންކުރައްވާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމުން ރުހުން ނުލިބުމުން އެޓާނީ ޖެނެރަލްގެ މަގާމަށް އަލުން ސަވާދު އައްޔަން ކުރައްވާ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ފޮނުއްވުމުން ދެވަނަ ފަހަރުވެސް މަޖިލީހުން ރުހުން ލިބިފައިނުވެ އެވެ.
އެއަށްފަހު އޭރުގެ ރައީސް ނަޝީދު ވަނީ އެޓާނީ ޖެނެރަލްގެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރައްވާ މަޖިލީހުގެ ރުހުން ހޯއްދަވާފަ އެވެ.