ކެބިނެޓް

ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަނެއްކާވެސް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައި ރުހުން ހޯދުމަށް އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

މި ބޭފުޅުން ދެވަނަ ފަހަރަށް ވަޒީރު ކަމަށް އައްޔަންކުރެއްވުމަ މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ދެވަނަ ފަހަރަށް ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ޔަގީންކޮށްދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިން އިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދީފަ އެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.