ކެބިނެޓް

ވަޒީރުން އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅުއްވާތޯ ޔަގީންކުރަނީ

ވަޒީރުންގެ މަޖިލީހުގެ އެއްވެސް ބޭފުޅެއްގެ އަތުގައި ދިވެހި ޕާސްޕޯޓްގެ އިތުރުން އެހެން ޕާސްޕޯޓެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވާއިރު އެ މައްސަލަ ދިރާސާކުރަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވަނީ ދިވެހި ޕާސްޕޯޓް ނޫން އެހެން ޕާސްޕޯޓެއް އެއްވެސް ވަޒީރަކު ގެންގުޅުއްވާތޯ ބެއްލެވުމަށް ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ.

ފަލާހް އެގޮތަށް ހުށަހެޅުއްވީ ވަޒީރުންގެ ގޮތުގައި ތިއްްބެވި ބައެއް ބޭފުޅުންނަކީ ދިގުމުއްދަތަކަށް މީގެކުރިން ރާއްޖެއިން ބޭރުގައި އުޅުއްވި ބޭފުޅުންނަށް ވާތީވެ އެ ބޭފުޅުން އިތުރު ޕާސްޕޯޓެއް ނުގެންގުޅުއްވާކަން ޔަގީންކުރެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވީ ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށްގެން ޕާސްޕޯޓާ ގުޅޭގޮތުން ސުވާލުކުރެއްވުމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމެއްގައިވާ ގޮތުން ވަޒީރުންނަށް ރުހުން ދިނުމުގެ މަރުހަލާގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވެ އެވެ.

ވަޒީރުން އެހެން ގައުމެއްގެ ޕާސްޕޯޓެއް ގެންގުޅުއްވާތޯ އިމިގްރޭޝަނަށް ލިޔުމުން އެ އިދާރާ އިން ދީފައިވާ ޖަވާބުގައި އެއީ އެ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސާފުކޮށްދެވެން އޮތް ކަމެއް ނޫން ކަމަށް އަންގާފައިވާތީ ކޮމިޓީގައި އިންނެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވީ ރައީސް އޮފީހަށް ލިޔެގެން ޕާސްޕޯޓާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ. އެ ހުށަހެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ތާއީދު ކުރެއްވި އެވެ.

އެހެންވެ ކޮމިޓީން ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެއްވެސް ވަޒީރަކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅުއްވާތޯ ކަށަވަރުކުރުމަށް ފާސްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 ބޭފުޅުން ހިމެނެ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ.