މުހައްމަދު މަބްރޫކް އަޒީޒް

މެމްބަރުންނަށް ބިރު ދައްކަންޏާ ރިޕޯޓް ކުރައްވާ: މަބްރޫކް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުގެ ވަޒީރުންނާއި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުފޫޒެއް ފޯރުވާ ބިރު ދައްކަވާނަމަ އެކަން ކަމާބެހޭ މުވައްސަސާތަކަށް ރިޕޯޓް ކުުރަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް އެދި ވަޑައިގެންފި އެވެ.

މަޖިލިސް މެމްބަރުންނަށް ވަޒީރުން ގުޅުއްވައި ބިރު ދައްކާ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ހާއްސަކޮށް ބާރުގަދަ ވަޒީރަކު "ބޮޑުވަޒީރަކަށް" ވެގެން މެންބަރުންނަށް ގުޅުއްވައި ނުފޫޒު ފޯރުވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އާޒިމް އެފަދައިން ވިދާޅުވެފައި ވަނިކޮށް ނުފޫޒް ފޯރުވުމުގެ ނިޔަތުގައި މަޖިލީހުގެ ބައެއް މެމްބަރުން ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ ކޮށްފައި އޮންނަ އާރަށަށް ގެންދާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން އެފަދަ ތުހުމަތުތައް ކުރައްވަނީ ކީއްވެގެންތޯ އަވަސްއިން ކުރި ސުވާލަށް މަބްރޫކް ސީދާ ޖަވާބެއް ނުދެއްވި އެވެ.

"އަލީ އާޒިމް އެފަދައިން ވިދާޅުވިތޯ؟ ދެން އަޅުގަނޑަކަށް އެނގިފައެއް ނެތް އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައެއް ވެސް. ދެން އާރަށަށް އެއްވެސް މެމްބަރަކު ނުރުހުމުގައި ދިޔަ ކަމެއް އެނގިފައެއް ނެތް" މަބްރޫކް ވިދާޅުވި އެވެ.

ބޮންޑެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން އާ ރަށަށް މެމްބަރުން ގެންދަނީ ސީދާ ނުފޫޒް ފޯރުވުމުގެ ނިޔަތުގައި ކަމަށެވެ.

"ރައްޔިތުން ތަމްސީލު ކުރަން، ރައްޔިތުންގެ ވާހަކަދައްކަން އަންނަ މީސްމީހުން ގޮސް ސަރުކާރު މިނިސްޓަރުންނާއިއެކު ތަންތަނުގައި މި ތިބެނީ ތޮއްޖެހިގެން،" ބޮންޑެ ވިދާޅުވެފައި ވެއެވެ.

މަޖިލިސް މެމްބަރުންނަށް ބިރު ދައްކާކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން މަބްރޫކް ވިދާޅުވީ އެފަދަ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް މިހާތަނަށް ހުށަހަޅާފައި އޮތް ކަން އެނގިފައި ނެތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން އޭނާ އެދިވަޑައިގަންނަވަ އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ބިރު ދެއްކުން ފަދަ މައްސަލައެއް މުވައްސަސާއަކަށް ހުށަހެޅުމުން އެކަން ނުބަލައިފިނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށާއި އެފަދަ މައްސަލައެއް ނުބަލައިފިނަަ އެކަން ބަލަން މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީވެސް ބިރު ދެއްކުންތަކާ ނުފޫޒު ފޯރުވުންތަކާ ދެކޮޅަށް އަޑުއުފަލަމުން ކަމަށެވެ.

މީގެ ކުރިން ވަޒީރު ކަމުން އިސްތިއުފާ ދެއްވި މުހައްމަދު މަލީހު އޭރު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުން ވަޒީރުންނަށް ބިރު ދައްކަ އެވެ. އެކަމާ ގުޅިގެން މަޖިލީހުން އެ މައްސަލަ ބަލާފައި ވެއެވެ.