ރައީސް އޮފީސް

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގަން ބޯޑެއް އުފައްދަވައިފި

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގުމަށް "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު" އުފައްދަވައި އެ ބޯޑަށް މެންބަރުން ހަމަޖައްސަވައިފި އެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އެވެ.

ނިމިދިޔަ ސަރުކާރުގައި ހުޅުމާލެ ހޮސްޕިޓަލް ވަކިން ހިންގިއިރު އަނެއް ތިން ހޮސްޕިޓަލް ހިންގީ "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް"ގެ ނަމުގައެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވާ މާލެ ސަރަހައްދުގައި ހުރި ސަރުކާރު ހޮސްޕިޓަލްތަކަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްތައް ހިންގުމަށް އާ ބޯޑެއް އެކުލަވާލައްވާފައިވާ ކަމަށެވެ.

ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ މަޝްހޫރު އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ގދ. ތިނަދޫ، ކުންނާރުގެ، ހުސައިން ހަލީމެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގައި އިތުރު ހަތް ބޭފުޅަކުވެސް ހިމެނެ އެވެ. އެއީ:

  • ޑރ. އިބްރާހިމް ޔާސިރު އަހްމަދު، މއ. ވެނީލާގެ - ސިއްހީ ދާއިރާގެ ޑޮކްޓަރެއް
  • ނަޔާޒު އަހްމަދު، ޅ. ހިންނަވަރު، ނޯތުވޭ - ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާ ތަޖުރިބާކާރެއް:
  • ޑރ. މަރިޔަމް ޖެނީފާ ސ. ފޭދޫ، އޭޑީރީޑް - ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިކާބާރެއް
  • ޝަރީފާ އާދަމް މަނިކު، ހ. އޮށްކަފަގެ - ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް
  • ފާތިމަތު އާފިޔާ ވަހީދު، ދަފްތަރު، 13524 - ނާސިންގެ ދާއިރާ
  • މޫސާ ކަލީމް ގާސިމް، އދ. މަހިބަދޫ، ރިހާޞު - ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް
  • އާލިމް ޝަކީލް، އއ. ފެރިދޫ، ސިޔާމާ މަންޒިލް - ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް

ނިމިދިޔަ ސަރުކާރުގައި ވަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިންގުމަށްވެސް ބޯޑުތަކެއް އުފައްދަވާފަ އެވެ. އެގޮތުން ކޮންމެ ސަރަހައްދެއްގެ މައި ސަރަހައްދީ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެ ބޯޑުތަކުން ހިންގަމުން ދިޔަ އެެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަނީ އެފަދަ ބޯޑުތައް އުވާލުމަށް ނިންމަވައި ސީދާ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެތަންތަން ހިންގާ ގޮތަށް ހަމަޖައްސަވާފަ އެވެ.