މިނިސްޓްރީ އޮފް ހެލްތު

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒުހައިރުވެސް އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އިސްތިއުފާ ދެއްވައިފި އެވެ.

ޒުހައިރު އެ މަގާމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއް ގައެވެ.

އެމްއާރްއެމް އިން ބުނީ ޒުހައިރު މިއަދުގެ ވަގުތެއްގައި ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޒުހައިރު އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެމްއާރްއެމް އަކުން ނުބުނެ އެވެ. ޒުހައިރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. ޝާހް މާހިރުވެސް މިމަހުގެ 28 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޖޭޕީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި ޝާހް މަގާމުން އިސްތިއުފާ ދެއްވި ދުވަހު ވަނީ ދަ ޑިމޮޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ އަހްމަދު އާދިލް އާއި އަައިޝަތު ރަޝީދު އެވެ. މި ދެ ބޭފުޅުންނަކީ ވެސް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.