ތައުލީމު

ޓީޗަރުންގެ ރިޓަޔާމެންޓް އުސޫލާ މެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި

ޓީޗަރުންގެ ރިޓަޔަމެންޓު އުސޫލާމެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ރިޓަޔާމެންޓު އުސޫލުގައި މިހާރު އޮތް ގޮތުން 55 އަހަރަށް ވުރެ މަތީ އުމުރުގެ މީހުން ރިޓަޔާވުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި ރިޓަޔާކުރަން ޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި އެ މީހުން ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިންނެވެ. ޕެޓިޝަން ހުށަހަޅާފައިވާ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުރީގެ މުސާރައިގައި ރިޓަޔާކުރަން ޖެހުމެވެ.

ރިޓަޔާމެންޓް އުސޫލުގައިވާ ގޮތުގައި ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ގިނަ އަހަރު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންނަށް ވީނަމަވެސް ރިޓަޔާމެންޓުގެ އިނާޔަތް ދިނުމުގައި އެ މުވައްޒަފުން ހިދުމަތް ކުރެއްވީ 30 އަހަރަށް ކަމަށް ބަދަލުވެ އެވެ. މިއީވެސް ޕެޓިޝަން ހުށަހެޅި ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

އާލީ ރިޓަޔަމެންޓެއްގައި ތައުލީމީ ދާއިރާގެ މީހަކު ވަޒީފާއިން ވަކިވި ނަމަވެސް މަހުން މަހަށް ކުރިން ލިބެމުން އައި އެލަވެންސް ދެން ނުލިބޭނެ އެވެ. އެހެންކަމުން ތައުލީމީ ދާއިރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ އެއްވެސް މީހަކަށް ކުރިއެކޭ އެއްގޮތަށް މަހުން މަހަށް ލިބޭނެ ގޮތަށް އޮތް ޕެންޝަން ނުލިބޭނެ އެވެ.

ސިވިލް ސާވިސްގެ ވަކި ބަޔަކު ހިމަނައި އެ މީހުންނަށް އެކަނި ރިޓަޔަމެންޓް އުސޫލު ތަންފީޒު ކުރުމަކީ ބޭއިންސާފެއް ކަމަށްވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުރިން ލިބެމުންދިޔަ ޕެންޝަން އެލަވެންސް އަނބުރާ ލިބޭނެ ގޮތް ހެދުމަށް ވަނީ ޕެޓިޝަނުގައި ގޮވާލާފަ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް ވަނީ ކުރިން ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދާ އެއްގޮތަށް އެކަން މިހާރު ހިނގަމުންދިޔަ ކަމުގައިވިޔަސް ޕެންޝަން އަދި އެހެން ކަންތައްތައް ވައުދާ އެއްގޮތަށް ނުހިނގާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މިދިޔަ އޮކްޓޯބަރު މަހުގައި ރައީސަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. '

މި ޕެޓިޝަނުގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ 500 ވަރަކަށް ޓީޗަރުން ވަނީ ސޮއިކޮށްފަ އެވެ. މި ފަހަރުގެ ޕެޓިޝަނުގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އިތުރަށް އަތޮޅުތެރޭގެ 856 ޓީޗަރުން ސޮއިކުރި އެވެ.