މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން ފަށައިފި

ދިވެހި ސަރުކާރުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ބުނީ އިއްޔެ އިން ފެށިގެން ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން ފަށައިފައި ކަމަށެވެ.

މެލޭޝިއާ އާއި ރާއްޖޭގެ ސަރުކާރުން މިކަމަށް އެއްބަސްވީ އދ ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޯންގްއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.

މި މަޝްވަރާތަކުގެ ދަށުން މިދިޔަ މަހު ދެ ގައުމުގެ ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި ދުއްވަން ހުއްދަކުރެވިފައި ވަނީ ދިވެހި ލައިސަންސްގެ A0، B1 އަދި B2 ކެޓަގަރީގެ އުޅަނދު ފަހަރެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނީ ދިވެހި ލައިސަންސްގެ ސައްހަކަން އަންގައިދޭ ލިޔުމެއް އެ ކޮމިޝަން މެދުވެރިކޮށް ހޯދަން މިހާރު ނުޖެހޭނެ ކަމަށެވެ. އެކަމަކު މެލޭޝިއާގައި ދިވެހި ލައިސަންސް ބޭނުންކުރާއިރު އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނާއި ހައިކޮމިޝަންގެ އާންމު ލިޔުމުގެ ކޮޕީއެއް، ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ A0 ކެޓަގަރީގެ ލައިސަންސްގައި 500 ސީސީ އިން ދަށް އަދި 250 ސީސީ އިން ދަށުގެ ސައިކަލު މެލޭޝިއާގައި ދުއްވޭނެ އެވެ. ރާއްޖޭގެ B1 އަދި B2 ލައިސަންސްގައި، 3500 ކިލޯއިން ދަށުގެ ކާރު މެލޭޝިއާގައި ދުއްވޭނެ އެވެ. މީގެ ތެރޭގައި އޮޓޮމެޓިކް ކާރުވެސް ހިމެނެ އެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ތަމްރީންގެ ފުރުސަތުތަަކާއި ގާބިލްކަން އިތުރުކުރުމުގެ ފުރުސަތުތަކާއި އަދި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.