މައި ކޮލެޖު

މައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗާއަށް ހާއްސަ އެވޯޑެއް

Oct 16, 2022

ރާއްޖޭގެ އެންމެ ފުރަތަމަ ދަނޑުވެރިކަމާއި ބެހޭ ސްކޫލް, މައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗާ އިން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ސަރުކާރުން ދީފި އެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ކ. ކާށިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗާ އަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ހަދާނީ ފިލަޔާ ހަވާލުވީ މައި ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްތާކީ އެވެ.

މައި ކޮލެޖަށް ހަނދާނީ ފިލާ ދިނީ, އެ ކޮލެޖުގެ ދަނޑުވެރި ކަމާއި ބެހޭ ސްކޫލަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު އޮތް ތަނަކަށް ވުމުގެ އިތުރުން ދަނޑުވެރިކަމުގެ ތައުލީމު ފެތުރުމަށް މައި ކޮލެޖުން ފަށާފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމަށެވެ.

އެ ކޮލެޖުން ބުނީ އައްޑޫ ސިޓީގައި ހިންގާ މައި ކޮލެޖުން ސްކޫލް އޮފް އެގްރިކަލްޗާ އިން ދަނޑުވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގައި ފަހި ކޮށްދީފައިވާ ކަމަށެވެ. އަދި އެ ކޮލެޖުން އައްޑޫގައި ހިންގާ މިއާންޒް އިންޓަނޭޝަނަލް ސްކޫލްގެ ކަރިކިއުލަމްގައި ވެސް ދަނޑުވެރިކަން ހިމަނާފައި ވުމަކީ މައި ކޮލެޖުން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަށް އިސްކަންދޭ ވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާ އިން މައި ކޮލެޖުން މިހާރު ދަނީ ސެޓްފިކެޓް 3 އިން ގާޑަނިން އަދި މި ދާރާގެ ތަފާތު ކުރު ކޯސްތައް ހިންގަމުންނެވެ. މައި ކޮލެޖުގެ ކޯސްތަކުގައި ރައްކާތެރިކޮށް ކާނާ ހެއްދުމަށް އަދި ގަސް ހެއްދުމުގައި ދިމާވާ ތަފާތު މައްސަލަތައް ދެނެގަނެ, އެ ކަންކަމުގެ ހައްލު ހޯދަން ދަސްކޮށްދެ އެވެ.

ދަނޑުވެރިކަމަށް އަންހެނުން އަހުލުވެރި ކުރުވުމަށް އައްޑޫގެ ބައެއް އަންހެނުން ކުރިއަރުވާ ކޮމިޓީ އާ ގުޅިގެން މައި ކޮލެޖުން ވަނީ ހިލޭ ސާބަހަށް ޕްރޮގްރާމްތަކެއް ހިންގައިދީފަ އެވެ. އަދި އެޗްޑީސީ އާ ގުޅިގެން ހުޅުމާލޭގައި ވެސް ޓްރެއިނިން ޕްރޮގްރާމްތަކެއް މައި ކޮލެޖުން ހިލޭ ސާބަހަށް ހިންގައިދިނެވެ.

"މި ޕްރޮގްރާމްތަކުގެ ބައިވެރިންގެ ފަރާތުން ވެސް މި ކަމަށް ދިވެހިންގެ މެދުގައޮ އޮތް ޝައުގުވެރިކަން ފެނުނު," މައި ކޮލެޖުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މައި ކޮލެޖުން ބުނީ އެ ކޮލެޖުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ސަރުކާރުން ބަލައިގަނެ, އަގު ވަޒަންކުރުމަކީ މި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބުނު ހިއްވަރެއް ކަމަށެވެ. އަދި މި ހަނދާނީ ފިލާ ލިބުމަކީ އެ ކޮލެޖަށް ލިބުނު ޝަރަފެއް ކަމަށް މައި ކޮލެޖުން ބުނެ އެވެ.