ރައްޔިތުންގެ މަޖިލިސް

ގޮއިދޫ އިސް މެޖިސްޓްރޭޓް ވަކިކުރި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ނިޝާރު މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގަ އެވެ.

ނިޝާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ އެހެން ފަނޑިޔާރަކާއި ހަވާލުކުރެވިފައިވާ މައްސަލައެއް އޭނާ އަމިއްލައަށް ބެލުމާ ހަވާލުވުމުގެ ސަބަބުންނެވެ.

ނިޝާރު އެ މައްސަލައާއި ހަވާލުވީ ދައުވާ ލިބޭ ފަރާތާއި އޭނާއާއި ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތުތަކާ ގުޅިގެން ނަހަމަ ގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ގަސްދުގައިކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

މިއީ ގާނޫނާއި ހިލާފު ކަމަކަށް ވާތީ، ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކަމަށްވެސް މައްސަލައިގައިވެ އެވެ.

މެޖިސްޓްރޭޓްގެ މަގާމުން ނިޝާރު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް އޭނާ ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުންނެވެ.