ދުނިޔެ

ގެލަކްސީ އެސް23: ޕްރީއޯޑަރު އިޝްތިހާރުތައް ލީކުވެއްޖެ

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އާންމު ގޮތެއްގައި ޕްރީއޯޑަރަށް ހުޅުވާލަނީ އެ ފޯނެއް އާންމުކޮށް ދައްކާލާ ދުވަހުގެ ވަގުތެއްގަ އެވެ. އެހެންނަމަވެސް، ސެމްސަންގް ގެލަކްސީ ފޯނުތަކަށް މަރުދޭ މީހުންނަށް އެއަށް ވުރެ ބޮޑު ހައިރާން ކަމެއް މިހާރު މިއޮތީ ދިމާވެފަ އެވެ.

ސެމްސަންގް ގެލަކްސީ އެސް23 މަރުކާގެ ފޯނުތައް ތައާރަފް ކުރާނެ ކަމަށް މިހާރު ބުނެވެނީ ފެބްރުއަރީ އެކެއްގަ އެވެ. އެހެންކަމުން ޕްރީއޯޑަރަށް ހުޅުވާލާނެ ކަމަށް ބެލެވެނީ އެ ދުވަހު އެވެ.

މިއީ ސްމާޓްފޯންތައް މާކެޓް ކުރުމަށް ގެންގުޅޭ އާދަކާދަ ނަމަވެސް، ގެލަކްސީ އެސް23 ޕްރީއޯޑަރަށް ހުޅުވާލާފައި ހުރި އިޝްތިހާރުތަކެއް ވަނީ އިންޓަނެޓަށް ލީކުވެފަ އެވެ.

ސެމްސަންގުގެ އޮރިޖިނަލް އުފެއްދުމެއް ކަމަށް ބެލެވޭ މި އިޝްތިހާރުތަކުން ފެންނަނީ ޕްރީއޯޑަރަށް ހުޅުވާލާފައި ހުރި ވެބްސައިޓެއްގެ ސްކްރީން ޝޮޓްތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގެލަކްސީ އެސް23، ގެލަކްސީ އެސް23 ޕްލަސް އަދި ގެލަކްސީ އެސް23 އަލްޓްރާ އާންމުކޮށް ވިއްކަން ފަށާ ތާރީހަކީ ފެބްރުއަރީ 17 އެވެ.

ޕްރީއޯޑަރު އިޝްތިހާރުތަކުން ފޯނުތަކުގެ ޑިޒައިން ވަރަށް ސާފެވެ. މޮޑެލްތަކުގެ ފަހަތު ކެމެރާ ހުންނަ ސިފަ ވަރަށް ހިތްގައިމެވެ.

ގެލަކްސީ އެސް23 އެކި ބައްރުތަކަށް ވިއްކާ އަގުތައް ސެމްސަންގުން އާންމުކުރަމުންދާއިރު އޭޝިއާ ބައްރުގެ އަގުތައް އަދި އާންމެއް ނުކުރެ އެވެ. އެހެންނަމަވެސް، ސެމްސަންގްގެ އަމިއްލަ ގައުމު -- ދެކުނު ކޮރެއާ އަދި އެމެރިކާ އާއި ޔޫރަޕުގެ އަގުތައްވެސް ވަނީ އާންމުކޮށްފަ އެވެ.

ސެމްސަންގް ގެލަކްސީ އެސް23އާ މެދު ބުނެވެނީ މިއީ ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ފޯނަށް ވާނެ ކަމަށެވެ. އަދި މި ފޯނާ އެކު ސެމްސަންގްގެ ހާޑްވެއާ ކެޓަގަރީތަކަށް ބަދަލު ގެނެސް ހުރިހާ ފޯނެއްގައި ބޭނުންކުރާ ޕްރޮސެސާ އެއް މަރުކާއަކަށް ފައްތާނެ ކަމަށްވެސް ބުނެވެ އެވެ.