ދުނިޔެ

ޗައިނާގެ ރައީސަށް ސާބިއާގައި ރަތްދޫލައިގެ މަރުހަބާއެއް

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޔޫރަޕަށް މިހާރު ކުރައްވަމަމުން ގެންދަވާ ދަތުރުގައި ބުދަ ދުވަހު ސާބިއާއަށް ވަޑައިގެންފި އެވެ.

ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗްއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް، ޝީ ޖިންޕިން އެ ގައުމުގެ ވެރިރަށް ބެލްގްރޭޑަށް ވަޑައިގަތުމުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

ޝީ ޖިންޕިންގްއާ ސަލާމްކުރައްވައި ވޫޗިޗް ވިދާޅުވި ގޮތުގައި މިއަދަކީ ސާބިއާއަށް އުފާވެރި ދުވަހެއްގެ ގޮތުގައި ތާރީޚުޖަހާނެ ދުވަހެކެވެ. ސާބިއާގެ އެކުވެރިންގެ އަގުވަޒަންކުރުމަކީ އެ ގައުމުގެ އާދަކާދައާ ގުޅިފައި އޮންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ސާބިއާގެ އިގުތިސާދަށް ވަރަށް ބޮޑު ހޭދައެއް ކުރެ އެވެ.

ސާބިއާ އަކީ ވަން ޗައިނާ ސިޔާސަތުގެ ދަށުން ބެލްޓް އެންޑް ރޯޑް އިގުތިސާދީ ސިޔާސަތުގައި ހަރުދަނާވެ އޮތް ގައުމެކެވެ. ޗައިނާގެ ސިޔާސަތުތައް ބަލައިގަތުމުގައި ރައީސް ވޫޗިޗް އަކީ ޗައިނާއަށް ވަރަށް ބޮޑަށް އެއްބާރުލުން ދެެއްވާ ރައީސެކެވެ.

ޝީ ޖިންޕިންގް ޔޫރަޕަށް ކުރައްވާ ދަތުރުގައި ފަރަންސޭސިވިލާތުގައި ދެ ދުވަސް ވަންދެން މަޑުކުރެއްވި އެވެ. އަދި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ޔުކްރޭން ހަނގުރާމާގައި، ރަޝިއާ ކޮޅަށް ޗައިނާ ބުރަވެފައި އޮތް އޮތުމާ ބެހޭ ގޮތުން ވެސް ފަރަންސޭސިވިލާތުގައި ޝީއާ ސުވާލުކުރެވުނެވެ. ޗައިނާއިން ރަޝިއާއަށް އެއްބާރުލުން ދިނުމަކީ ޔޫރަޕްގެ ސިޔާސަތުތަކާ ޚިލާފު ކަމަކަށް ވާތީ ނޫސްވެރިން ސުވާލުކުރީ އެވެ.

ޗައިނާގެ ރައީސްގެ ހައިސިއްޔަތުން ޝީ ޖިންޕިން ޔޫރަޕަށް ކުރައްވާ މި ދަތުރުގައި، ޗައިނާގެ އިގުތިސާދު ޔޫރަޕަށް ފުޅާކުރުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ޔޫރަޕްގެ އިއްތިހާދުން ދެކޭ ގޮތުގައި ޗައިނާއިން އިންވެސްޓަރުންނާ މެދު ގެންގުޅެނީ ޔޫރަޕަށް ބަލައިގަނެވޭ ސިޔާސަތެއް ނޫނެވެ. އަދި އެ ސިޔާސަތުތަކަށް ބަދަލު ނުގެންނަހާ ހިނދު، ޗައިނާ އާއެކު ވިޔަފާރިކުރުން ޔޫރަޕަށް ފަސޭހަ ނުވާނެ ކަމަށް ވެސް ވަނީ ޝީއަށް ދަންނަވާފަ އެވެ.

ނަމަވެސް، ޗައިނާގެ ވިސްނުމަކީ ޔޫރަޕުން އެދޭހާ ގޮތަކަށް ދީއްލައިލުމެއް ނޫނެވެ. ޗައިނާއަށް އެންމެ ރަނގަޅު ސިޔާސަތެއް ވިއްކުމުގައި، އެ ގައުމަށް ބަރޯސާކުރާ ގައުމުތަކާ އެކު ކުރިއަށް ދިމުމަކީ ޗަައިނާއިން މިހާރު ވިސްނާ ގޮތެވެ.